ކުރީގެ ސަރުކާރުތަކުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ އާންމު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މި އާންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:15 ގައެވެ.

މި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދާއި، ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރަޝީދުގެ އިތުރުން އަލްޖަޒީރާގައި މަސައްކަތް ކުރައްވާ ދިވެހި ނޫސްވެރިޔާ ޒަހީނާ ރަޝީދެވެ.

މީގެ ކުރިން ވެެސް އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވަން ހަމަޖެއްސިއެވެ. އެކަމަކު އޭރު ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި މާލޭގެ ރަށުގައި ތެރޭގައި ބަލީގެ ނުރައްކާ ބޮޑުވަމުން ދިއުމުން އެ ފޯރަމް ކެންސަލްކުރީއެވެ. ހާލަތު ރަނގަޅުވި ފަހުން އެހެން ބިލްތަކަށް ހިޔާލު ހޯދަން ފޯރަމްތައް ބާއްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ވަނީ ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމުގެ ގާނޫނީ އޮނިގަނޑެވެ.

ބިލުގައި ބަޔާން ކުރައްވާފައިވާ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅާއި ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ސަރުކާރު ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.

މި މުއްދަތުގެ ތެރޭގައި ވެރިކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. މި ދެ ބޭފުޅުންނަކީ ވެސް މިހާރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލީޝަންގެ އިސް ދެ ބޭފުޅުންނެވެ. އެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. ރައީސް ވަހީދު މިނިވަންކޮށް ހުންނެވިއިރު، އެމަނިކުފާނު ފުރުއްވަނީ އެ ކޯލިޝަންގެ އެޑްވައިޒަރެއްގެ މަގާމެވެ.

މި މުއްދަތުގެ ތެރޭގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަސް ވެސް އާދެއެވެ. ފެބްރުއަރީ 7، 2012 ގައި މިހާރު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ދެކެވަޑައިގަންނަވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ ދުވަހު ހިނގި ކަންކަން ތަހްގީގް ކުރުމަށް ބޭރުގެ ތަޖުރިބާކާރުންނާއި ރައީސް ނަޝިދުގެ މަންދޫބެއް ވެސް ހިމެނޭ ގޮތަށް ރައީސް ވަހީދު އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

އިންތިގާލީ އިންސާފުގެ އެ ބިލުގައި އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ ރޭ އާންމު ބައްދަލުވުމެއް މަޖިލީހުގައި ބާއްވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް އާންމު ބައްދަލުވުމެއް ބާއްވާފަ އެވެ. މަޖިލީހުގެ ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މަޖިލީހުގައި އާންމު ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފަ އެވެ.