ދެ ފަރާތެއް ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެ ދަރަނި އަނބުރާ ހޯދަން ގޭންގުތައް ބޭނުން ކުރަމުންދާ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ހުށަހަޅުއްވާފައިވާ އިފްލާސް ވުމާއި އިފްލާސް ކުރުން ނުވަތަ ބޭންކްރަޕްސީގެ ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެ ބިލްގައި ވަކިވަކި ޝަހްސުންގެ ބައި ހިމެނިފައި އޮއްވައި ކުންފުނިތައް ހިމެނިފައި ނެތުމުންނެވެ.

މެންބަރުންގެ ވާހަކަތައް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަންޏެއް ނުދެއްކުމުން ދަރަނި ހޯދުމަށްޓަކައި ފޮނުވާ އެޖެންޓެއްގެ ގޮތުގައި ދަރަންޏަށް ފައިސާ ދޫކުރާ ބައެއް ފަރާތްތަކުން ބޭނުން ކުރަނީ ގޭންގްތަކުގެ މީހުން ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަރަންޏެއް ނުވަތަ ދޭން އޮތް އެއްޗެއް އެއް ބަޔަކަށް ހީވެގެން ނުވަތަ ފެނިގެން، ނިންމިގެން، އެ އެއްޗެއް ހޯދުމަށް ގޭންގުތައް ބޭނުންކުރުން. މި އިފްލާސްގެ ގާނޫނުގައި އެބަ އާދޭ އޭޖެންސީ އެއް. ދެން އެ އޭޖެންސީ އަކީ މިހާރު ރާއްޖޭގެ ގޭންގުތަކުގެ ގޮތުގައި ފެންނަމުންދާ ދިއުން އެއީ ކަންބޮޑުވުމެއް. ބޮޑު ކަންބޮޑުވުމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި ހާދިސާ ފާހަގަކުރެއްވުމަށް ފަހުގައެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މީހެއްގެ އަތުން ބައްލަވައިގަތް ދޯންޏަށް އެއްބަސްވުމާ އެއް ގޮތަށް ފައިސާ ދައްކާފައި ނުވާތީ އެ މީހާ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލައެވެ. އެކަމަކު އެ މީހާ މީޑިއާތަކަށް ބުނެފައިވަނީ ހައިޖެކް ނުކުރާ ކަމަށާއި ދޯނި ތެރޭގައި އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ބުނީ ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެކަމަކު އެ ދޯންޏަށް އަރައި މާރާމާރީއެއް ހިންގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވިޔަސް ދޯނީގައި ތޫނު ތަކެތި ހުރި ކަން އެނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ގެންދިޔަ ކަމަށްވެއެވެ.

މީގެއިތުރުން މިދިޔަ އާދިއްތަ ދުވަހު ސިލޯން ބޭންކް ކުރިމަތިން، ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވެގެން ރޫޓު ފިހާރައިގެ ފައިސާ ފޮއްޓެއް ފޭރިގަންނަން ވަނީ މަސައްކަތްކޮށްފައެވެ. މި މަންޒަރު ވަނީ ސީސީޓީވީ އަށް އަރައިފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެންމެ ކާރޫބާރޫ ބޮޑު ގަޑީގައި ބިރެއް، ޖެހިލުމެއް ނެތި، ފައިސާގެ ފޮށިގަނޑު އަތުލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  އެތަނެއްގަ އިންސާފު ނެތް ތަނެއްގައި ދެން އޮންނާނީ ބާރުގެ ބޭނުން ކުރުން

 2. މަކުނުދޫ

  ދޯނީގައި ތޫނުތަކެތި ހުރުމުން، ގެންދިޔަ އެއްޗެއް ބުނެލަން ރަނގަޅެއް ނޫންތަ؟ އަދި ދިޔަ ލޯންޗުން އެއްވެސް އެފަދަ ހަތިޔާރެއް ނުފެނުމުން، ހިތައްއަރަނީ، އެ ލޯންޗް ބަލައި ފާސް ނުކުރަނީ ބާއެވެ.؟

 3. މުރާސިލް

  ނަޝީދެވެ. ނަޝިދަކީވެސް ވެރިކަން ވައްޓާލަން ފުލުހުންނާއި ތަޅަން ގޭންގު ކުދިން ހޯދަން މިހާރުގެ ޑިފެންސް މިނިސްޓަރަކަށް އެހެރަ މާރީޔާ ކައިރީ ބުނި މީހެކެވެ. ތިމާ ތިޔަ ވާހަކަ ދައްކަން ރީތިތޯ އަމިއްލަ ނަފުސާއި އެކަނި އިނދެ ސުވާލުކޮށްލަ ބަލާށެވެ.

 4. ޝާދޑް / މ.ދިއްގަރު

  ބަލާބަލަ މިމީހާގެ ރޭވުމުގައި މިއޮތްހާދުވަހު ބޮޑެތި ތަންތަންފަޅާ ފައިސާގެ ވައްކަންތަށް މިކުރީ ، އޭރު މަހިތަށް އެރިޔޭ މިމީހުން ޕާތީ މާވަރުގަދަޔަށް ހިންގާ ސިޔާސީގޮތުން މަގުމަތީ ތެޅުނުއިރު މިވައްކަންތަކުގެ މުގުލުގައި ތިބޭނީ މިމީހުންނޭ، މިފަދަ ކަންކަމަށް ޚަރަދު ކުރަނީ މިފައިސާ އިންނޭ ،،،، މަހީކުރި ގޮތާ އެއްގޮތަށް މިހީވީ ، ވަގުންނަށް ހީވާނީ އެމީހުން ވައްކަން ކުރާތީ އެހެންމީހުންވެސް ވަށްކަން ކުރާނެޔޭ!! ހީވި ގޮތާއި އެއްގޮތަށް މިއާރޓިކަލް ކިޔާލުމުން އޭރު ބޮޑެތި ވައްކަން ކޮށްފައި މިހުންނަނީ ތިމީހާގެ ރޭވުމުގައި ކަން ސާފުވެއްޖެ

 5. މަބޭ

  ތަޅާނެކުދިންކޮޅެއް ހޯދައިގެން ފުލުހުންނާ ތެޅުން އެއީމަނިކުފާނައްވެސް އޯކޭކަމެއް ނޫންތޯ

 6. ނަޖްވާ

  ގޭންގްތައް ލައްްވާ ދަރަނި ހޯދުމަކީ ވަރަށް އާއްމުވެފައިވާ ކަމެއް! އެއީ ސިސްޓަމްގެ ތެރެއިން އެކަން ނުކުރެވޭތީ ކަމަށް ބެލެވެނީ! ކީކޭ ދެން ބުނާނީ؟

 7. އެދުރުކަލޭގެ

  އަސްލު ވަރަށް ދެރަކަމެއް. އެހެން ނަމަވެސް އެހެން ދިމާވަނީ، ކޯޓުތަކާއި ސިސްޓަމް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިދާ ނަގާމިންވަރު އިތުރުވެ، ނިކަމެތި މީހާއަށް ކޯޓުމެދުވެރިކޮށް އިންސާފު ހޯދުމަށް ބޮޑެތި ތަކުލީފު އުފުލަންޖެހުމާއި، އިންސާފު ލިބޭނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތީމަ. ސިޔާސީ ފަރާތްތަކާއި، ރައްށަށުގައި ތިބި ކަތީބުންގެ ޢާއިލާތަކަށް ނޫނީ މިޤައުމުގެ ސިސްޓަމް މެދުވެރިކޮށް އެއްވެސް ކަމެއް ނުވާނެ.

 8. ބެއްޔާ

  އެއީ މަނިކުފާނުގެ (ޖޭއެސްސީގެ) ކުންފުނީގެ ނާގާބިލުކަން. ކޯޓުތަކަށް ގޮސްފިނަމަ ނަގާނެ ދެތިން އަހަރު. ފައިސާނުދޭމީހާއަށް މޮޅުގޮތްއޮތީ. އެހެންވެ އެގޮތް އިޚްތިޔާރުމިކުރަނީ.

 9. ބޮލި މުލައް

  ދައުލަތެއް ނުކުޅެދިގެން ދާތަން މި ފެންނަނީ

 10. ހަނި

  ސަރިޔަތުް އަތުން މަސަލަބަލަލަސްވަތި އެކަލަކަންތަށްވަނީ

 11. ހަނި

  ފުލުހުން ގަގާ ތަލާނެ ކު ދިން ހޯ ދުމަކީކަންބޮޑްވާކަމެތް

 12. ކޮރަލް

  ގާނޫނު ހަދާ މަޖްލީހުގެ ރައީސް ތިޔަ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ އެވެ.