ރާއްޖޭގެ މެދު ތެރެއަށް ނިސްބަތްވާ ދެ މީހަކު ކައިވެނިކޮށްގެން ލިބިފައިވާ ތިންކުދިންގެ ބެލެނިވެރިކަން ހަވާލުކުރުމަށް ކ.ދިއްފުށީ މެޖސްޓްރޭޓް ކޯޓުން އަންގާފައި ވަނީ މީގެ 2 ދުވަސް ކުރިންނެވެ. އެ ކޯޓު އަމުރާއި އެއްގޮތަށް ކުދިންގެ ބައްޕަ އެ ކުދިން ބަލާ ދިޔައީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.

މި ވަގުތު ރާއްޖޭގެ މެދުތެރޭގެ އަތޮޅެއްގައ މަންމަގެ ގާތުގައި ތިބި އެ 3 ކުދިން ބަލާ ދިއުމުން އެ ރަށުގެ މީހުން ވަނީ ބަނދަރު މައްޗަށް އެއްވެ ބައްޕަ އަށް އެ ރަށަށް އެރިޔަ ނުދިިނުމަށް މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި އެކު އެ ރަށަށް އެރި ނަމަވެސް، ކުދިންގެ ބައްޕަ އަށް ދަރިން ގެންދިއުމަށް އައްމުން ވަނީ ހުރަސް އަޅާފައެވެ.

އިއްޔެ 02:30 ހާއިރު ކުދިން ބަލާދިޔައީ ކޯޓު އަމުރަކާއި އެކުގައި ކަމަށްވީ ނަމަވެސް އެ ކުދިން ބަލާދާ ކަން އެއްވެސް ފަރާތަކުން ކުދިންގެ މަންމަ އަށް އަންގާފައި ނުވާ ކަމަށް އެ ރަށު މީހުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައެވެ.

ކޯޓު އަމުރުގައި ބުނަނީ ކީކޭ؟

ކުދިންގެ ބެލެނިވެރިކަން ހޯދަން އެދި 2019 ވަނަ އަަހަރު ދިއްފުށީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނީ ކުދިންގެ މަންމައެވެ. މި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އެ ކުދިންގެ މަންމަގެ ދިރިއުޅުން ވަނީ އޭރު ދިރިއުޅުނު ރަށް ނޫން އެހެން ރަށަކަށް ބަދަލުކޮށްފައެވެ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ޙުކުމްގައި ބުނެފައި ވަނީ ކުދިންގެ މަންމަ އެ ކުދިންގެ ބެލެނިވެރިކަން ހޯދަން އެދި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި މި ކުދިންގޮވައިގެން އެހެން ރަށަަކަށް ބަދަލުވުމަށް ބޭނުންވާކަމަށް ބުނެ ވަގުތީ އަމުރަކަށް އެދުނު ކަމަށެވެ. އެހެންނަމަވެސް އެ ފަދަ އަމުރަކަށް އެދިފައިވާ ސަބަބަކީ ކުދީންގެ ސުކޫލު ބަދަލުކޮށް އެހެން މާޙައުލަކަށް ގެންދެވޭ ގެންދެވުމެއްކަމަށް ވާތީ، މި މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން އެ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ނިންމާފައިވަނިކޮށް މިއަހަރުގެ މާރޗް މަހުން ފެށިގެން ކުދިންގޮވައިގެން އެހެން ރަށަކަށް ގޮސް އެ ރަށުގައި ދިރިއުޅެފައިވާ ކަމަށެވެ. އަ

ދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ކުދީންގެ ބައްޕަގެ ރަށަށް ކުދިން ގެންގޮސްފައިނުވާތީ އާއި ކުދީންގެ ޙަޟާނަތު ލިބިއްޖެނަމަ ކުދީން ގޮވައިގެން ދިރިއުޅޭނީ މަންމަފަރާތުގެ މާމަގެ ގޭގައި ކަމަށް ކުދިންގެ މަންމަ ބުނާއިރު، ކުދީންގޮވައިގެން އެރަށަށް ބަދަލުވެގެން އެގޭގައި އުޅުނު ދުވަސް ތަކުގައި ކުދީންނަށް އަނިޔާކޮށްފައިވާކަން ކުދިންގެ މާމަގެ ބަހުން އެނގޭ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.

އަދި ކުދިންނަށް އެއްތަނެއްގައި އުޅުމުގެ ފުރުސަތު ތަނަވަސްކޮށްދެވިފައި ނުވާތީ އެކަމުގެ އަސަރު ކުދީންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރާނެ ކަމަށް ބެލެވޭތީ އާއި ކުދިން މާމަ ކައިވެނި ކޮށްގެން އުޅެނީ ކުދިންގެ މަންމަގެ ބައްޕަ އާއި ނޫންކަމަށް ވާތީ، ކުދިންގެ ބެލެނިވެރިކަން އެ ކުދިންގެ މާމައަށް ދިނުމުގެ މަސްލަހަތުވެސް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދި ދަރީންނަށް ތަޢުލީމް އާއި ތަރުބިއްޔަތުދީ ހެދި ބޮޑުވުމަށް ރައްކައުތެރި މާޙައުލެއްގައި ދަރީން ގެންގުޅުމުގެ ފުރުޞަތު މިދަރީންގެ ބައްޕައަށް އޮތުމުން ދަރީންގެ ބެލެނިވެރިކަން ބައްޕަ އާއި ހަވާލު ކުރަން ކޯޓުން ވަނީ ނިންމަވާފައެވެ.

އެ ހުކުމްގައި 2020 އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތުގައި ދަރީންގެ ބައްޕަ ނުވަތަ ދަރީންގެ ބައްޕަ ފަރާތުގެ މާމަ އާއި ކާފަ ދަރީން ބަލައި ގޮސްފިނަމަ ބަލާ ދިޔަފަރާތަކާއި 3 ކުދީން ޙަވާލުކުރުމަށް ދަރީންގެ މަންމަގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އަދި އެ ކުދިން ޙަވާލުކުރަން އެއްވެސް ފަރާތަކުން ހުރަސް އަޅައިފި ކަމަށް ކުދިންގެ ބައްޕަގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައިފިނަމަ މި ޙުކުމް ތަންފީޒުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ އަންގާފައެވެ.

ކުދިންގެ ރައްކާތެރިކަމާއި މެދު ބައްޕަގެ އާއިލާގެ ކަންބޮޑުވުން!

ކޯޓު ޙުކުމުގައި ވެސް ކުދިންގެ މަންމަ ކުދިންނަށް އަނިޔާ ކުރާކަމަށް އެ ކުދިންގެ މާމަގެ ބަހުން އެނގޭކަން ވަނީ ފާހަގަކޮށްފައެވެ. ކުދިންގެ ބައްޕަ ފަރާތު އާއިލާ މީހަކު ވަގުތަށް މައުލޫމާތު ދެމުން ބުނީ ކުދިންގެ މަންމަ ކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަ މީގެ ކުރިން ތަކުރާރުކޮށް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް އަހުލާގީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުރަނގަޅު އަސަރު ކުރާތީ ކުދިންގެ މަންމަ ކައިރީ ނުބެހެއްޓުމަށް ކުދިންގެ މަންމަ ފަރާތު މީހުންވެސް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކުރިންވެސް އަނިޔާކޮށްގެން ޖެންޑަރ އަށާއި ފުލުހުންނަށް އޮތީ މައްސަލަ ހުށަހަޅާފަ. އަޅުގަނޑު ދަންނަވާނީ ފުލުހުން މަސައްކަތް ކުރިއޭ. ފުލުހުން މަސައްކަތް ނުކުރެއެކޭ ނުދަންނަވާނަން. ރަށަށް އެރީވެސް ފުލުހުންގެ ހިމާޔަތުގައި. އެކަމަކު ގެއާއި 20 ފޫޓަށް ވެސް ކައިރި ނުވެވުނު. އެ ރަށު މިހުންނަށް އެނގެނީ ރަނގަޅު މައުލޫމާތެއް ނޫން. އެހެން އެ ކުދިންނަށް އަނިޔާ ލިބެން އެންމެ ދުވަަހަކުވެސް ތިބެން ބޭނުމެއް ނުވާނެ ނޫންތޯ. ކުރިންވެސް ބެލީ ފުލުހުން މެދުވެރިކޮށް އެ އޮންނަ ގޮތަށް އެކަން ކުރެވޭތޯ. ދެން ވެސް މިހާރުވެސް މަޑުކޮށްގެން މިތިބީ ފުލުހުންގެ އެހީތެރިކަމާއި އެކު ކުރިއަށް ދާން." އޭނާ ބުންޏެވެ.

މި މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކުން ކޯޓް އަމުރު ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން ކަމަށް އާއިލާ އިން އުއްމީދު ކުރެއެވެ. ނަމަވެސް ކުދިން ބައްޕަ އާއި ހަވާލުނުވެ އަމުރު ތަންފީޒު ކުރުން ލަސްވަމުންދާ ކޮންމެ ދުވަހަކީ އިތުރު މައްސަލަތަކެއް ކުރިމަތިވެ ކުދިންނަށް އެކަމުގެ އަސަރު ކުރާނެ ކަމަކަށް ވާތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ފާޅުކުރެއެވެ.

ނޯޓް: މި މައްސަލައިގައި ކުދިންގެ އަސްލު ނަމައި، މައިންބަފައިންގެ ވަނަވަރު ހާމަނުކޮށް ވަނީ އެ ކުދިންގެ ކަރާމާތަށް ލިބޭ އުނިކަން ކުޑަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު

    ކުދިންގެ ޢުމުރަކީ ކިހާވަރެއްތޯ؟ މިކަހަލަ ލިޔުމެއްގައި ޢުމުރު ހިމެނީމަ ދޯ މައްސައިލައުގެ ސީރިއަސްކަން އެނގޭނީ.

  2. ޒީލް

    ވަރަށް ރިޕޯޓު ކޮށްފައިވާ ގޮތް ވަރަށް ރަނގަޅު.