މިއަދު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ މަރްހޫމް ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަކީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި މަދުން ނޫނީ އުފަން ނުވާ ވަރުގެ ވަރުގަދަ ދީނީ އަދި ސިޔާސީ ޝަހްސިއްޔަތެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.މަޖީދު އަވާހަރަވުމާ ގުޅިގެން، ޑރ.މުޙައްމަދު ޖަމީލު އަޙްމަދުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، "ޑރ.މަޖީދަކީ ރާއްޖެފަދަ ކުޑަ ޤައުމެއްގައި މަދުން ނޫނީ އުފަން ނުވާ ވަރުގެ ވަރުގަދަ ދީނީ އަދި ސިޔާސީ ޝަހްސިއްޔަތެއް" ކަމަށެވެ.

އިތުރަށް، ޑރ.ޖަމީލު ވިދާޅުވީ ޑރ.މަޖީދު އަވަހާރަވުމާއި ގުޅިގެން ފުން އަސަރުތަކެއް ކޮށްފި ކަމަށާއި، ހިތާމައިގެ ކަރުނަ ލޮލުން އޮހޮރުނު ކަމަށާއި މި ވަގުތީ ދުނިޔެއިން ދާއިމީ ޢާލަމަށް ދަތުރު ކުރެއްވީ ފަޚުރުވެރިވުން ހައްޤު ދިވެހި ދަރިއެއް ކަމަށެވެ.

މަރްހޫމް ޑރ.މަޖީދުއާއި އެކު ދެ ބޭފުޅުން އެއް ކެބިނެޓެއްގައި މަސައްކަތް ކުރެއްވީ ވަރަށް ގާތްކޮށް ކަމަށާއި، މަތިވެރި އަޙްލާގެއްގެ ވެރި ޑރ.މަޖީދުގެ ޚިދުމަތް ދާއިމަށް ދިވެހި ފަސްގަނޑުގައި ދެމިގެންދާނެ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި މަރްހޫމް ޑރ.އަބްދުލް މަޖީދު އަބްދުލްބާރީއަށް ސުވަރުގެ މިންވަރު ކުރައްވައި، މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ޑރ.ޖަމީލު ދުޢާ ކުރައްވާފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑރ.މަޖީދު އަވާހަރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ މަރްހޫމް ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަށްވާއިރު، ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ކުރައްވާފައިވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ޑރ.މަޖީދު އަވަހާރަވިއިރު އަންބަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.