މިދިޔަ 2 އަހަރު އެކަނިވެސް ކުޑަކުދިންނާއި ގުޅުން ހުރި 2000 އަށް ވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަކްރަމް ހުސެއިން ވަނީ، 1991 ވަނަ އަހަރު އދ.ގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފާހަގަކުރައްވާފައެވެ.

އަދި 2006 އާއި 2007 ވަނަ އަހަރު ކުޑަކުދިންގެ މައްސަލަތައް ބެލޭނެ ގޮތް އަތޮޅުތެރޭގައި ވެސް ހަމަޖެއްސިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އަދިވެސް ކުޑަކުދިންގެ މައްސަލަތައް ގިނަ އަދަދަކަށް ހުށަހަޅާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކުޑަކުދިންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް އަޅުގަނޑުމެންނަށް ހުށަހެޅޭ. މި ވޭތުވެދިޔަ ދެ އަހަރަށް އަޅުގަނޑުމެން ބަލާ ކަމަށް ވާނަމަ ކުޑަކުދިންނާއި ގުޅުން ހުރި، ކުޑަކުދިންނާއި މެދު ނޭދެވޭ އަމަލުތައް އެކިއެކި ގޯނާގެ އަމަލުތައް ކޮށްގެން އަޅުގަނޑުމެންނަށް 2000 އަށް ވުރެ ގިނަ މައްސލަަތައް ހުށަހެޅިފައި އެބަ ހުރި. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލާނަމަ 100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައި އެބަހުރި. މީގެ ތެރެއިން ވެސް ފާހަގަކުރެވެނީ ހާނިކައިގެ މައްސަލަތައް" އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރަން އާ ޤާނޫނެއް އައުމާއި އެކު ކުޑަކުދިިންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި އަހަރު ކުޑަކުދިންނާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެ ކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހިމެނޭކަން އަކްރަމް ފާހަގަކުރެއްވިއެވެ.

އަދި ކުޑަކުދިން ބެލެހެއްޓުމަށް ދައުލަތުގެ ބެލުމުގެ ދަަށަށް ގެންދާ ކުދިން ދައުލަތުން ކަނޑައަޅާ ތަނެއްގައި ބޭތިއްބުމުގެ ބަދަލުގައި އާއިލީ ވެށްޓެއް އެ ކުދިންނަށް ހޯދާ ދިނުމަށް ޖެންޑަރ މިނިސްޓްރީއިން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާލި

    ބަލަ ތިބޭފުޅުން މުޢާހަދާތަކުގައި ބައިވެރިވެ ޤާނޫނު ހަދައިގެން މުއައްސަސާތަށް ހަދައިގެން ތިއުޅެނީ ކުޑަކުދިންގެ މައްސަލަ ބަލާ ރަގަޅުކުރަންތޯ ؟

  2. ސޭޓު

    2000 އަށް ވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާއިރު ބެލިފައިނެތީ ނާގާބިލު ކަމުން. އަވަސް ނިޔާ މައި އޭސް