ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފިއެވެ.

ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވާފައިވަނީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހުއެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފުން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސް އާއި ޙިއްޞާ ކުރައްވާފައެވެ. އަދި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ދައްކާލައި އެ ހަތިޔާރުތަކާއި ގުޅޭ މަޢުލޫމާތުވެސް ރައީސް ވަނީ އަރުވާފައެވެ.

މީގެ އިތުރުން، ރައީސް ވަނީ ފަޔަރ ޓާރގެޓް ތައްވެސް ބައްލަވާލައްވާފައެވެ. އެމް.އެން.ޑީ.އެފުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    މީނަވެސް އެބަ އުޅޭދޯ..މަހީކުރީ ކުރީދުވަހު އަ އި ޔަހޫދީކަލޭގެ އާ އެކު ދިޔަ އީކަމަށް....ކިތަ އްމެވަރަކަށް ބެލިޔަސް އެކަ އްޗެވެސް ނޭގޭނެ...ބޮޑު މޯދީ ބުނެދިން އެ އްޗެ އިގޭނީ... ކުޑަ މޯދީ އަށް...

    1
    1