އިއްޔެ އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ބޮޑު މިސްކިތްތަކުގައި ކުރާ ގޮތަށް ހަމަޖައްސަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ ޑރ މަޖީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އިޝާ ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު މިސްކިތްތަކުގައި ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދޭ ކަމަށެވެ.

ޑރ މަޖީދު ވަނީ ސްރީލަންކާގައި މިއަދު ފަސްދާނުލާފައެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.