ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް އިސްލާމިކް މިނިސްޓްރީގައި މިއަދު ހުޅުވައިފިއެވެ.

މި ދަފްތަރު ހުޅުވައިދެއްވީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.

މި ތަޢުޒިޔާގެ ދަފްތަރުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ ވަނީ ލިޔުއްވާފައެވެ.

އާއްމުންނަށްވެސް މި ދަފްތަރުގައި ލިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ދަފްތަރު މިމަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ދިހައަކުން ބާރައަށް ހުޅުވާފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވުމަށްފަހު ފަހުން އެމްޑީޕީ އާއި ވެސް ޑރ.މަޖީދު ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހި ވަޑައިގަންނަވާތީ އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެންފައެވެ. އޭގެފަހުން ޑރ.މަޖީދު ފަހުން އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާއެވެ.

ޑރ،މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ލަންކާގައެވެ.

ޑރ.މަޖީދު އަވަހާރަވިއިރު އަންބަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.