ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް ކޮށްފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާގެ މައްސަލަ ބަލާ ގާޒީ ބަދަލު ކުރުމަށް އެދި ހުށަހެޅި ސިޓީ މީޑިއާ އާއި ހިއްސާ ކުރި އިރު އެ ސިޓީގައިވާ ވާހަކަތަކުން ކޯޓުގެ ހުރުމަތް ކެނޑޭ ކަމަށް ވިދާޅުވެ އެކަމަށް މައާފަށް އެދުމުގެ ފުރުސަތު މިއަދު ގާޒީ ދެއްވައިފިއެވެ.

މައާފަށް އެދުމަށް މަހްލޫފަށް ފުރުސަތު ދިނީ މިއަދު 11:00 އަށް ތާވަލުކޮށްގެން 13:00 ހާއިރު ފެށި މަހްލޫފުގެ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާގެ އަޑު އެހުމުގައެވެ. އޭނާ މި މައްސަލަ ކުރިއަށް ގެންދަނީ ވަކީލަކާއި ނުލައެވެ. މި ދައުވާ އަކީ މާފުށީ ޖަލުގައި ގައިދީން މަރަމުންދާ ކަމަށްބުނެ އޭނާ ކުރި ޓްވީޓާއި ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މިއަދުގެ އަޑުއެހުމަކީ މަހްލޫފާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ފަސް ކިތާބީ ހެއްކާއި ބެހޭގޮތުން ވާހަކަދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދެކެވިގެން ދިޔައީ މަހްލޫފު މީޑިއާއަށް ހިއްސާ ކުރި ސިޓީއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަންތަކާއި ބެހޭގޮތުންނެވެ.

މިއަދުގެ އަޑުއެހުން ފެށުމާއެކު މަހްލޫފު ވަނީ މައްސަލަ ބަލާ ގާޒީ ބަދަލު ކުރުމަށް ސިޓީލާފައި ވާނެ ކަމަށް ވިދާޅުވެ އެކަން އޮތް ހިސާބެއް އޮޅުން ފިލުވާފައެވެ. އަދި މައްސަލަ ނުފެށި ކޯޓުގައި ގިނަ އިރުވުމުން އެކަމުގެ ޝަކުވާވެސް ކުރެއްވިއެވެ. މީގެ އިތުރުން މައްސަލައިގެ ލިޔެކިޔުންތައް ވީ އޭނާގެ ވަކީލުން އަތުގައި ކަމަށާއި އެހެން ކަމުން މައްސަލަ އެހެން ދުވަހަކަށް ފަސް ކުރުމަށް މަހްލޫފު އެދިވަޑައިގެންނެވިއެވެ.

ގާޒީ ބަދަލު ކުރަން އެދި ހުށަހެޅި ސިޓީ މީޑިއާ އާއި ހިއްސާ ކުރެއްވިތޯ ސުވާލު ކުރައްވައި ގާޒީ އަލީ އާދަމް ވަނީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި އޮތީ އޭނާގެ ސިޓީގައި އޮތް ގޮތައްތޯ ސުވާލު ކުރައްވާފައެވެ. މީޑިއާގައި ރިޕޯޓުކޮށްފައި ހުރި ގިނަ ވާހަކަތަކީ އޭނާގެ ސިޓީގައިވާ ވާހަކަތަކެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފުގެ ސިޓީގައި 2016 ވަނަ އަހަރު އޭނާގެ މައްޗަށް ކުރި ހަ މަހުގެ ހުކުމަކީ ގަޒީ އަލީ އާދަމް ކުރެއްވި ހުކުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ އޭނާއަށް ހެކި ހުށަހަޅަން ފުރުސަތު ނުދެއްވައި ކުރި ހުކުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އެކަމާއި ބެހޭގޮތުން ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ އެ ހުކުމަކީ ނިމި ގޮސްފައިވާ ކަމެއް ކަމަށާއި އެ ހުކުމަކީ ރަނގަޅަށް ކޮށްފައި އޮތް ހުކުމެއް ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މައްސަލައިގެ ހެކި ހުށަހަޅަން ކޯޓުން ލިޔެކިޔުންތައް ބަލައި ނުގަންނަ ވާހަކަ ސިޓީގައި އޮތުމުން ގާޒީ ވަނީ މަހުލޫފަށް ލިޔެކިޔުން ހުށަހަޅަން މުއްދަތެއް ދިންކަން ފާހަގަކުރައްވައި އެ މުައްދަތުގެ ތެރޭގައި ހުށަހަޅާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ. އަދި މީޑިއާގައި އެވާހަކަ ދެކެވިފައި އޮތީ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ބަލައި ނުގަތް ކަމަށް ދޭހަވާ ގޮތަކަށް ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި މައްސަލައިން މަހްލޫފުގެ ވަކީލު ނާޒިމް ސައްތާރު ސަސްޕެންޑު ކުރި ވާހަކަ ސިޓީގައި ފާހަގަ ކޮށްފައި އޮތުމުން ގާޒީ ވަނީ އޭނާ ސަސްޕެންޑު ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް ދެއްކުމުން ކަމަށެވެ. އަދި ނާޒިމް ސަސްޕެންޑުކޮށްފައި ވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އޭނާ އަމިއްލައަށް ކޯޓަށް ސިޓީ ނުވަތަ ލިޔުމެއް ލާފައި ނުވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން މި ވާހަކަތަކަކީ ޝަރީއަތް ކުރިއަށްދާ ގޮތާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި ހަގީގަތް އޮޅޭ ކަހަލަގޮތަކަށް ދައްކާފައި އޮތް ވާހަކައެއް ކަމަށާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ 3 އަދި 16 ވަނަ ނަމްބަރުގެ ދަށުން އެ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ކަނޑައެޅިފައި އޮންނަ އަދަބު ވިދާޅުވެ ގާޒީ ވަނީ މަހްލޫފަށް މައާފަށް އެދި އެކަން ތަކުރާރު ނުކުރާނެ ކަމަށް ބުނުމަށް ފުރުސަތު އަރުވާފައެވެ.

ޖަވާބުގައި މަހްލޫފު ވިދާޅުވީ އެ ސިޓީގައި ވަނީ އޭނާގެ އަމިއްލަ ހިޔާލުފުޅު ކަމަށާއި މައްސަލަތަކުގައި ދައުލަތާއި ޝަރީތާއި ދައުވާ ލިބޭ ފަރާތުގެ ތަފާތު ހިޔާލުތައް ހުންނާނެ ކަމަށެވެ. އަދި މީޑިއާއަށް ސިޓީ ދިނުމަކީ ގޯހެއް ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ކަމަކީ އޭނާ އަކީ ސިޔާސީ މީހެއް ކަމުން ކުރެވުނު ކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ޝަރީއަތްތައް ކުރިއަށް ދާ ގޮތް މީޑިއާ އާއި ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކޯޓުގެ ހުރުމަތް ކެނޑުމަކީ އޭނާގެ ނިޔަތް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މަހްލޫފު މައާފަށް އެދުމުން ގާޒީ ވަނީ އެކަން ބަލައިގަނެފައެވެ. އެއަށް ފަހު ވާހަކަ ދައްކަމުން މަހްލޫފު ވަނީ ގާޒީ އެދިވަޑައިގަންނަވާނަމަ އަމިއްލަފުޅަށް މައްސަލައިން ތަނާޒުލުވުމަށް އެދިވަޑައިގެންފައެވެ. ޖަވާބުގައި ގާޒީ ވިދާޅުވީ މައްސަލައިން ތަނާޒުލުވާން ޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި ދައުލަތުގެ ވަކީލުން ވަނީ މަހްލޫފުގެ އަތުގައި ލިޔެކިޔުންތައް ނެތުމުން މައްސަލައިގެ ހެއްކާއި ބެހޭގޮތުން ވާހަކަދެއްކުން އެހެން ދުވަހަކަށް ފަސް ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުން ގާޒީ ވަނީ ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުން ފަސް ކުރަން ނިންމަވާފައެވެ. އަދި ދެން އޮންނަ އަޑުއެހުން އޮންނާނީ 30 މެއި 2018 ގެ 11:00 ގައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާއާއާއާ

    އީސީން އިދިކޮޅު ޕާޓީތަކަށް ބިރުދައްކާތީ އިނގިރޭސި ސަފީރު ކަންބޮޑުވެއްޖެ ނަމަ މަމެން ކަން ބޮޑުވެއޭ އިނގިރޭސި ވިލާތުން މުސްލިމުންނަށް ދުއްތުރާ ކޮށް އަދި މުސްލިމުންނަށް އިނގިރޭސި ޕާރލަމެންޓް މެމްބަރުންނަށް ނުވެވޭނެ އުސޫލުން އެމެން ގާނޫނު ތައް ޑިޒައިން ކުރާތީވެ މަމެން ކަން ބޮޑުވެއޭ ކޮންމެ ދުވަހަކު އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ލަންޑަނުގައި ބަޑިޖަހައިގެން ނާއި ވަޅި ހަރައިގެން އެތައް ބަޔަކު މަރާތީވެ އެކަން ކަން ނޫންތޭ އިނގިރޭސި އެމްބަސޭ ކުރަންވީ ފުރަތަމަ ވެސް ތަމެންގެ އަމިއްލަ ބެކް ޔާރޑް ގައި އޮތީ މުޅިން ރޮޓެން ކަންކަން ނޫންތޭ ދެން ތަމެންނަށް މަމެންނަށް އެޑްވައިޒް ދޭ ލެވެލް އަށް އައީ ކޮން އިރަކުތޭ އެއީ ކޮށްލަން ބޭނުންވާ ސުވާލެކޭ އައި އޭމް ވޮންޑަރިންގް އާރ ޔޫ ކޮލިފައިޑް ޓު ގިވް އެޑްވައިޒް ޓު އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...