ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ ދިގު ރަށުގައި މި ހެދި އޭޓީއެމް އާއެކު އދ. އަތޮޅުގެ ތިން ރަށެއްގައި މި ހިދުމަތް ފަށާފައިވާ ކަމަށާއި މިފަދަ މެޝިނެއްގެ ސަބަބުން 24 ގަޑިއިރު ބޭންކަށް ގޮސްގެން ކުރަން ޖެހޭ އާދައިގެ މުއާމަލާތްތައް އޭޓީއެމް މެދުވެރިކޮށް ހިންގޭނެ ކަމަށެވެ.

ބީއެމްއެލް އިން މިހާރު އދ. އަތޮޅުގެ މާމިގިއްޔާއި މަހިބަދޫގައި ވެސް އަންނަނީ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ސެންޓަރުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެއެވެ. އަދި ހަމައެހެންމެ ފައިސާގެ މުއާމަލާތް ކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެ ބޭންކުން އެންމެ ފަހުން އޭޓީއެމް އެއް ހުޅުވާފައި ވަނީ ތ. ތިމަރަފުށީގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 64 ސެލްފްސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އިންޓަނެޓު ބޭންކިން އާއި އެކު ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ހިންގޭނެ ނިޒާމެއް އެކުލަވާލުން ކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.