މާލެ އާއި ހުޅުމާލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ކުރީގެ ސަރުކާރުގައި ގެންގުޅުނު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެފަދަ ވިސްނުމެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ބްރިޖުން ފީ ނަގަން "ޓޯލް ކަލެކްޝަން ސިސްޓަމް" އެއް ހަރު ކުރަން ކުރީ ސަރުކާރުން ނިންމީ، ސިނަމާލެ ބްރިޖުގެ މަރާމާތަށް ބޮޑެތި ހަރަދުތަކެއް ހިނގާނެތީއެވެ. އެ ސިސްޓަމް ގާއިމު ކުރުމަށް ބަޖެޓުގައި ފައިސާ ވެސް ހިމެނިއެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް އެ ޓޯލް ކަލެކްޝަން ސިސްޓަމްގައި އަމަލީ ސިފައެއް ޖެހިފައެއް ނުވެއެވެ.

ޗައިނާގެ ސީސީސީސީން ހެދި ބްރިޖު ހިލޭ މަރާމާތުކުރާ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމީ ދެ އަހަރަށެވެ. އެކަމަކު، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީސީސީސީން ބްރިޖު މަރާމާތުކޮށްދޭ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ.

"ދިވެހިރާއްޖޭގެ އަޑު" ގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، ނަހުލާ ވިދާޅުވީ ބްރިޖުން ފީ ނުނެގުމުގެ ވިސްނުން ގެންގުޅެނީ، ފަސޭހަ އިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށް މި ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ. އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުފަތުރު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމުވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބަ އޮންނަން ޖެހޭ. ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އަދި ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް،"

ކުރީގެ ސަރުކާރުން ޓޯލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެއެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީ ނެގުން ނުވަތަ ޓޯލް ނިޒާމް ޑިޒައިންކޮށް ނިމޭނެ ދުވަހެއް އަދި ޓޯލްގެ ގޮތުގައި ނަގާނެ މިންވަރެއް ސަރުކާރުން އޭރަކު ހާމައެއް ނުކުރެއެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދު ކުރިއިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަފްލާ

    ފީނަގާކަށްނުޖެހޭ ބަސްދަތުރު ތަކުން އެނަގަނީ ފީ ޓެކްސީ ސެންޓަރުތަކުން އެދައްކަނީ ސަރުކާރަށް ލާރި ކޮންމެ މަހަކު ދެން އިތުރަށް ފެލާން ޖެހޭތަ؟

    7
    4
  2. Happy

    ތެންކިޔު ރައީސް އިބޫ🙏👍

  3. ކޮވިޑް

    އަނެއްކާ އަނެއް ކަންތައް ބަލަ ނަހުލާ ބްރިޖް އެއީ ކުރީ ސަރުކާރުން ހަދާފައިވާ ތަނެކޭ ކިޔާފަ އަޅެ ބްރިޖް ތަޅާލަބަ ކެރެންޔާ؟ ނަހުލާ ދުނިޔޭގެ ޤައުމުތަކުގައި ހުންނަ ހައިވޭ

  4. ކޮވިޑް

    އަނެއްކާ އަނެއް ކަންތަކާ ޖެހުނީ މި.ބަލަ ނަހުލާ އަޅެ ނިކަން ހިތްވަރު ހުރިއްޔާ އެ ބްރިޖް ތަޅާލަބަ އެއީ ރައީސް ޔާމީން ކޮށް ފައިވާ ކަމެކޭ ކިޔާފަ އެ ހިތް ވަރު ހުންނާނެބާ؟ނަހުލާ ވެސް ހުންނާނީ ދުނިޔޭގެ ޤައުމުތަކަށް ދަތުރު ކޮށްފަ ކަން ނޭގެ ހައިވޭ އަކުން ދަތުރު ކުރެއްވިނަމަ ފެންނާނެ ލާރި ނަގާތަން ހަމަހޭގަ ހުރިޔާ. ނަހުލާ މުއްސަންޖަކާ އިންދެގެން އަރާމުގަ އުޅުނަކަސް ރައްޔަތުން ހާލުގަ އޭ ސަރުކާރަށް އެއްޗެއް ލިބިގެން ދޯ ރަތްޔަތުން ނަށް ލުޔެއްވާނީ؟ދެން ކީއްކުރަން ނަގާ ޖީ.އެސް.ޓީ އެއް ރަތްޔަތުން އަތުން އެވެސް ނުނަގާން ނިއްމަބަލަ. " އެޕާޓް މެންޓް ކަމަނާ "

  5. އެމަންޖެ

    ލާރި ނަގާ ނަގައިގެންވެސް ތިޔަބޭފުޅުންގެ ބަނޑުފުރޭތޯ ބަލާ.

    5
    2
  6. ވިލިނގިލި ފެރީ ފީ

    އެހެންވީމާ ވިލިނގިލި ފެރީ އަށްވެސް އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެ ދެއްތޯ!

  7. ގާދިރު

    ފީނަގަން ނުޖެހޭބުނަން ވަރަށް ފަސޭހަ އިއްޔެގެ ޚަބަރު ތަކުގަ އޮތީ ލޯން ފަސްކޮށްދިނުމަށް އެދިފަ އެހެން ކަމުން ދިވެހި ދައުލަތުގެ ގެރެންޓީ ދީގެން ބޮޑު ލޯން އެއް ނަގައިގެން ހަދާފަ އޮއި ފާލަމަކުން ފީއެއް ނުނެގުން ވެދާނެ މިނިސްޓަރުގެ ހިސާބު އިލްމުގެ މައްސަލަޔަކަށް ... ބައެއް ރައްޔިތުން ނަށްވެސް ހީވާކަހަލަ ސަރުކާރުން ހިލޭއޭ ހުރިހައި ކަމެއް ކުރަންޖެހޭނީ .. ކޮންމެ ސަރުކާރެއް އޮތަސް ފީނަގަން ޖެހޭ ތަންތަނުން ފީ ނެގެން ޖެހޭނެ