ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ އާ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރީ މިއަދު މެންދުރުފަހު 13:30 އަށެވެ.

ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް ދަތިފުޅުވާތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

"ރައީސް ޔާމީންގެ ފަރާތުން އެ ގޮތަށް އެދިފައިވަތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަށް ރީޝެޑިއުލް ކުރެވިފައިވަނީ،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އަލަށް އުފުލި ދައުވާތަކަކީ ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި އުފުލާފައިވާ ދައުވާތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    2013 ނޮވެމްބަރ 18 އިން 2018 ނޮވެމްބަރ 17 އަށް ރާއްޖޭގަހިނގި ޑްރަގްކޭސްތަކާއި ކައިވެންޏާއިނުލާ ވިހޭ ދަރިންގެ ޒިންމާވެސް އުފުލަން ޖެހޭނީ ރައިސްޔާމިނުކަމަށް ނުވެދާނެބާ؟

  2. ލޫޓުވާ

    ކުރީގެ އެމްޑީޕީގެ ޕީޖީ ލީޑަރު ނެގި ރިޝްވަތުގެ ފައިސާއަާއި ރައީސް ނަޝީދު ނެގިހާފައިސާއާއި މަހްލޫފުމެން މާރުކުރި ޑޮލަރުގެ ފައިސާއާއި ޕީޖީ ޝަމީމު ނެގިހާ ފައިސާއާއި އަދީބު ފައިސާދިންކަމަށް ބުނާ ހުރިހާ ފައިސާގެ ޖުމްލައަދަދު ރައީސް ޔާމިނުގެ ބޮލުގައި އަޅުވާ ދައުވާކޮށް އެކަން ޔާމީނު ބޮލަށް ކަނޑާލަނީ. ސަޅިގޮތެއް.

  3. ކައްބެ

    މިހާރު މިހިރަ ރައީސް އެފައިސާބޭނުންކުރި ކަމަށް އަދީބު އެބަބުނޭ ވީމާ ސޯލިހު އުމުރުގެ ބާކީބައި ހޭދަކުރަންޖެހޭނީ ޖަލުގަ ވައްސަލާމް .