ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ކަންމަތި އަދި ސްޓެއިން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ކަންމަތި ދަތުރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް ކްލަސްޓާއާއި ވާދަކޮށް ޕެނަލްޓީން ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ކުލަސްޓާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ތިން ގޯލު ޖެހި އައިޝަތު މައިހާ ހުސެއިން އާއި އެއް ގޯލު ޖެހި ނަޖުދާ އާދަމް އެވެ. ކަންމަތި ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ދެ ގޯލު ޖެހި މުޒުނާ އިބްރާހިމް އާއި ވިފާދާ އާދަމް އާއި ނަދުހާ އަހުމަދު، މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ނަތީޖާ އެއްވަރުވުމާއެކު ޕެނަލްޓީގައި ކޮންމެ ޓީމަކަށް 7 ޕެނަލްޓީ ލިބުނެވެ. ނަމަވެސް ޕެނަލްޓީން ކަންމަތި މައްޗަށް ކްލަސްޓާއިން ކުރިހޯދޭ ގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި ޓީމުގެ ގޯލްކީޕަރު ނަދުހާ އަހުމަދެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގެ ތެރެއިން

ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސްޓޫޑިއޯ ގާލްސްއާއި ސްޓެއިން އެވެ. މި މެޗު ސްޓެއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޓޫޑިއޯ ގާލްސްގެ ލަނޑުތައް ޖަހައިދިނީ ދެ ގޯލު ޖެހި ރިޝްމީ އިބްރާހިމް އާއި އެއް ގޯލު ޖެހި ފާތުމަތު އަލީ އެވެ. ސްޓެއިން ޓީމުގެ ލަނޑުތައް ޖަހާފައިވަނީ ދެ ގޯލު ޖެހި ރީޝާ އަހުމަދާއި ޕެނަލްޓީއަކުން ރަމްޒާ އަބްދުލް ރަހީމް ކާމިޔާބުކުރި ލަނޑުގެ އިތުރުން އެއް ގޯލު ޖެހި ސިމްރާ އަބްދުލް ރަހީމްއެވެ.

ސްޓެއިން އާއި ކަންމަތި ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ.