ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ދައުރުގައި ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާ މިއުޒިމަކަށް ކޮށްފައިވާ ޚަރަދުތަކުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ މައްސަލަ ފެންމަތިކޮށްފިއެވެ.

ކޮރަޕްޝަންތަކުގެ ދަންތުރައިގައި ޖެހި އުމުރުން 84 ވެފައިވާ ބްލެޓާ ވަނީ 2015 ވަނަ އަހަރު އެ މަޤާމުން އިސްތިއުފާދީފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަ ސާބިތުވުމާއި ގުޅިގެން އޭނާ ވަނީ އަށް އަހަރަށް ފުޓުބޯޅައިން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ދިން ލުއިތަކާއެކު އެ އަދަބު ވަނީ ހަ އަހަރަށް ކުޑަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލްސްޑާ ބެލް ވިދާޅުވީ އޮޑިޓުން ކޮރަޕްޝަނުގެ ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށާއި ކަން ހިނގައިދިޔަ ގޮތް ބަލާ ދިރާސާކުރުމަށް ފޮރެންސިކް އޮޑިޓެއް ކުރެވިގެން ދިޔަކަމަށެވެ.

ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ބްލެޓާ މައްޗަށް ކުރެވިފައިވާއިރު، 2015 ވަނަ އަހަރު ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިޔަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީއެވެ.

ޕްލެޓިނީއަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިޔަން ޕައުންޑަކީ 1998 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް، އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ.

ބްލެޓާގެ ކޮރަޕްޝަން މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވީ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ފީފާ ވޯލްޑް ކަޕަށްފަހު ބޯނަހުގެ ގޮތުގައި 12 މިލިޔަން ޑޮލަރު ލިބުނު މައްސަލައެވެ. މި މައްސަލައިގެ އިތުރަށް މަޤާމުގެ ނާޖާއިޒު ބޭނުންކޮށްގެން ކަންކަން ކުރިކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ހުރިހާ ކަމަކަށް އޭނާ އިންކާރުކުރެ އެވެ.