ދައުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ފެބްރުއަރީ 26، 2018 ގައި ހައުސިން މިނިސްޓްރީއާއި ސީލައިފްއާ ދެމެދު ސޮއިކޮށްފައިވާ ސެޓަލްމެންޓް އެގްރިމެންޓާ އެއް ގޮތްވާ ގޮތުގެ މަތިން ދައުލަތުން އެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ދައްކަން އަމުރު ކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީގެ މައްޗަށް ސީލައިފްއިން ދައުވާ ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެ ސެޓަލްމެންޓް އެގްރިމެންޓްގައި ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުން އެ ކަން ބެލެންދެން ސެޓަލްމެންޓް އެގްރިމެންޓް ބާތިލްކޮށްފައިވާ ކަން ހައުސިން މިނިސްޓްރީއިން ސީލައިފަށް މާޗު 1، 2018 ގައި އަންގާފައިވާ ކަމަށެވެ.

އެ އެގްރިމެންޓްގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވާތީ އެ އެގްރިމެންޓް ބާތިލް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ބެލެވޭނެ ކަމަށް ސިވިލް ކޯޓުގެ އެ ހުކުމުގައިވެއެވެ.

އެ އެގްރިމެންޓްގައިވާ އަދަދާ މެދު މިހާރު ސުވާލު އުފެދުމުން އެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމެއް ނެތި އޭރު ހައސިން މިނިސްޓްރީން ސޮއިކުރި ކުރުމުގެ މައްޗަށް އެކަނި ރިއާޔަތްކޮށް އެއީ ސީލައިފަށް އެ ފައިސާ ނަގައިދެވޭނެ ސަބަބެއް ކަމަށް ޝަރީއަތަށް ބުރަވެވެން ނެތް ކަމަށް އެ ހުކުމުގައިވެއެވެ.

އެހެންކަމުން އެ އެގްރިމެންޓާ އެއް ގޮތަށް ސީލައިފަށް ފައިސާ ދައްކަން ދިވެހި ދައުލަތުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އިއުލާން ކުރި ބޮޑު މަޝްރޫއު ސީލައިފްއާ ހަވާލުކޮށްފައިވަނީ 2017 ގައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.

ސީލައިފް އިން އިއުލާން ކުރި ޔުނިޓްތައް ގަތް ފަރާތްތަކަށް އެ ޔުނިޓްތައް އަޅައި ހަވާލުކުރެވިފައި ނުވާއިރު އެއިން ބައެއް ފަރާތްތަކަށް އަނބުރާ ފައިސާ ދީފައިނުވާ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު