ތަރައްގީ ގެނެވޭނީ ރާއްޖޭގެ ވައިގެ ބަނދަރުގައި ދިވެހިންގެ ބާރު އޮވެގެން ކަމަށާއި ގައުމުގެ އިގްތިސޯދުގެ ތަޅުދަނޑިއަކީ ދިވެހިންގެ މައި އެއާޕޯޓް ކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ބޭފުޅަކު އައްޔަން ކުރުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވާ ފޭސްބުކް ޖެހި ޕޯސްޓެއްގައެވެ.

އެ ޕޯސްޓޫގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން 2011 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހިންގެ މައި އެޔާޕޯޓް އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖީއެމްއާރަށް ކުއްޔަށް ދީފައިވާ މައްސަލަ ފާހަގަކުރައްވާ ސައީދު ވިދާޅުވީ އަމިއްލަ މިނިވަންކަން ބަޔަކަށް ވިއްކާލައިގެން ގައުމަށް ގެނެވޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަަދު ނަޝީދުގެ ސަރުކާރުގައި، ޖޫން 28، 2010 ގައެވެ. އެކަމަކު އޭރުގެ އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހާއި އިދިކޮޅު ސަޕޯޓަރުންގެ ދެކޮޅުވެރިކަން އަމާޒުވި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލިއެވެ.

އެ އެއްބަސްވުން ބާތިލްކުރުމުން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ ބަދަލެއްގެ ގޮތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކުމަށެވެ. މި ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައްކާ ހަލާސްކުރުމަށްފަހު އެއާޕޯޓްގެ ހިންގުން އެމްއޭސީއެލްއަށް ބަދަލުކުރެވިގެން ދިޔަކަން ފާހަގަކުރައްވާ ސައީދު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

"އެންމެ ފަސް އަހަރުން ދިވެހިންގެ އަމިއްލަ މިނިވަން ވެރިކަމެއް ކޮށް ރައީސް ޔާމީން ގެ ތަރައްގީގެ ވިސްނުން މިވަނީ ބަހާއި އަމަލުން ތަރުޖަމާ ކުރައްވާފައި. 1.5 މިލިއަން ގެ އެރައިވަލް ހަތް މިލިއަން އަށް އުފުލާނެ މަސައްމކަތް ފައްޓަވާފައި. ޓޫރިޒަމް ސައިޒް އެތައް ސިފައެއްގައި ބޮޑު ކުރައްވައިފައި. އޭ380ގެ މަތިންދާ ބޯޓު ޖެއްސުން ބުނެދިނީ އެއީވެސް ވެދާނެ ކަމެއްކަން." ސައީދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓްގައި ވިދާޅުވިއެވެ.

ކުރީ ވެރިކަމުގައި ގައުމަށް ގެނެސްދީފައިވާ ތަރައްގީއާއި ތަހުޒީބުގެ ވާހަަތައް ފާހަގަކުރައްވާ ސައީދުވަނީ މި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތްފަހުން މިވީ ދެ އަހަރު ތެރޭގައި ސަރުކާރުން މަސައްކަތް ކުރީ ދިވެހިންގެ ބާރު ކެނޑުވުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވިސްނާދޭން މަސައްކަތް ކުރީ ދިވެހިންނަށް ކަންކަން ނުކުރެވޭނެ ކަން ކަމަށް ސައީދު ވިދާޅުވިއެވެ.

އެއާޕޯޓް ހިންގުން ވަހީދުގެ ވެރިކަމުގައި އެމްއޭސީއެލްއަށް ބަދަލު ކުރެވިފައިވާއިރު، އެ ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ ފައިދާ ވެސް ބޮޑު އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުންބިން

    ކާރގޯ ގައި މަސައްކަތް 70 ޕަސަންޓް އަކީ ނޭޕާލް މީހުން. ދިވެހިންގެ ވަޒީފާތައް ގެއްލެނީ ހައްލެއްނެތް.

    14
  2. ތިރިބެ

    މީގެކުރިން އަދި މިހާރުވެސް ތިކަމެއްނުވި

    5
    4