ރާއްޖޭގައި އިތުރު ތަރައްޤީއަކަށް ފެންނަނީ ކޮރަޕްޝަން ކަމަށާއި، އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ، ހިޔާލު ތަފާތުވިޔަސް ތަރައްގީއަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް، ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނައިބް ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވެފައިވަނީ، ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި އާދީއްތަ ދުވަހުގެ ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެރޭ ޖަލްސާގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ހިޔާލު ތަފާތުވާން ޖެހޭނީ ބޭނުމަކު ކަމަށާއި އެއީ އެނޫން މޮޅު ގޮތެއް ހޯދުމަށްޓަކައި ކަމަށެވެ. ނަމަވެސް ރަށާއި އަތޮޅާއި ގައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަތަަކަށް ރައްދުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލައްވާ ކަމަށެވެ. އަދި އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހާކަށް ދެކޮޅު ނަހަދާ ކަމަށާއުމ އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިޙްތިޖާޖެއް ނުކުރާ ކަމަށެވެ. އަދި ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ހުރަހެއް ނާޅާ ކަމަށް ވެސް ވިދާޅުވިއެވެ.

"އިތުރު ތަރައްޤީއަކަށް ފެންނަނީ ކޮރަޕްޝަން. އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ".އޭނާގެ ޓްވީޓްގައި ވެއެވެ.