ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައްޔިތުން މަޖިލީހަށް ހުށައަޅަން އިލެކްޝަން ކޮމިޝަން (އީސީ)އިން ތައްޔާރުވަމުން އަންނަ ކަމަށް އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް ދަންމާލުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން އީސީ ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވޭނެ ދުވަހެއް ނޭނގޭއިރު، އެ ހާލަތު ދެމި އޮތް ނަމަވެސް އިންތިހާބު ބޭއްވުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބޭ ކަމަށެވެ. އެހެންކަމުން އިންތިހާބު އިތުރަށް ފަސްކުރުމުގެ ބަދަލުގައި އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަަކައި ކޮމިޝަނުން ރައްޔިތުން މަޖިލީހަށް ހުށައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކޮމިޝަނުން ކުރިޔަށް ގެންދޭ އެބަ" ގާނޫނޫތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށައަޅަން އީސީއިން ތައްޔާރުވަމުން ދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގާނޫނަށް ގެންނާނެ މައިގަނޑު އިސްލާހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމުގައިވިޔަސް ކަމާ ބެހޭ މުއައްސަސާއާ މަޝަވަރާކޮށްގެން އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅުމުގެ ގާނޫނީ ބާރު ކޮމިޝަނަށް ލިބޭ ގޮތަށް ގެނެވޭ އިސްލާހު ކަމަށެވެ. އަދި އެއިސްލާހު ގެނައުމަށް އީީސީން މިއަދުގެ ވަގުތެއްގައި މަޖިލީހަށް ހުށައަޅާނެ ކަމަށް ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ. ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން އިއްޔަ ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު ވެސް ވަނީ އިންތިހާބު ނުބާއްވާ ފަސްކޮށްފައެވެ. އިންތިހާބު ބޭއްވުން އޭރު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުންނެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ.