ތަފާތު އެކި ތުހުމަތުތަކުގައި ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރީއަތް ނިމެންދެން 327 މީހަކު ބަންދުގައި ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ން ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ބަދުކޮށްފައިވާ މީހުންގެ "ވާނުވާ" ބަންދާއި ގުޅޭ މައްސަލަ ޕީޖީން ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެ ރިޕޯޓްގައި ވަނީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފާސްހިސާބުތައް ބަޔާންކޮށްފައެވެ.

ޕީޖީއިން ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދުތައް އެ އިދާރާއިން ގަވާއިދުން ބަލަހައްޓަމުން ދާކަމަށެވެ. އެގޮތުން ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 100 ދުވަސް ވެފައި ތިބި މީހުން ވެސް ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނޭ 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި ގުޅިިގެން އެ ޖަލުތަކަށް ބަދަލު ނުކުރެވި ތިބި މީހުން ކަން ޕީޖީން ފާހަގަކޮށްފައިވެއެވެ.

ޕީޖީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭ ޖަލުގައި 149 މީހުން އެބަ ތިއްބެވެ. މާފުށި ޖަލުގައި 134 މީހުން ތިބި އިރު، ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނެ އެވެ.

ޕީޖީގެ ރިޕޯޓްގައި ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުތަކާއި އެކު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި ތިން މީހަކު ޑީޕޯޓު ކޮށްލުމަށް ނިންމާފައިވާކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ދިމާވެފައިވާ ގާނޫނީ އަދި އަމަލީ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ދެ އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލް ކުރެވޭނެކަމަށެވެ.

ޕީޖީން ފާހަގަކުރި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގައި ޕީޖީގެ ދައުރެއް ނޯވެއެވެ. އެ ނިންމުން ނިންމުމުގެ ބާރު ލިބިފައިވަނީ ފުލުހުންގެ އިދާރާއަށް ކަމަށް އެއިދާރާއިން ވިދާޅުވެފައިވެއެވެ.،

ޕީޖީ ޙުސައިން ޝަމީމް، އެ މަގާމާއި ހަވާލުވެވަޑައިގެންނެވި އެއް މަޤްޞަދަކީ، "ވާނުވާ" އަށް ހައްލެއް ހޯދުން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. "ވާނުވާ" ބަންދަށް ހައްލެއް ހޯދުމަށް، އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ، ރައްޔިތުންގެ މަޖިލީހަށް ކަމާއި، ޖިނާޢީ އިޖުރާޢަތަށް އިސްލާހު ގެންނަން ޖެހޭކަމަށް ހަރު އަޑުން ވިދާޅުވެ، މެމްބަރުންނަށް ލޮބީ ކުރެއްވިކަން ފާހަގަކޮށްލެވެއެވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ އިސްލާޙު ކުރިއެވެ.

އެެ މާއްދާގެ (ށ) ނުވަތަ (ކ)ގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމަވައިފިނަމަ، އެ ނިންމުން ކޮންމެ 30 ދުވަހަކުން މުޖާރާކުރަން ޖެހެއެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޒިރުކުރަން ޖޭހޭ ކަމަށްވެސް އެ މާއްދާއަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަާައަބުދު

    ޢެހެންވެ ލާދީނީ ހުސޭނު އުފަ ލުންފޮޅިފަ

  2. ސސ

    ޕީޖީ " ގޮތްދޫނުކުރީމާ " ވާގޮތެއް ނުންތޯ ، ވާ ނުވާގައި ތިބުމަކީ ! ނިކަން "ގޮތްދޫކޮށްލަ" ބަލަ އޭރަކުން ވާނުވާގަ ނުތިބޭނެ ނުންތޯ ؟