މިހިނގާ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު، އިިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

އެ މުޒާހަރާއިން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނޭ އިރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ހިމެނެއެވެ. އަދި ޖެހިގެން އައި ދުވަހު ހައްޔަރު ކުރި މީހުން ކޯޓަށް ނުގެންގޮސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

އެ މީހުން ދޫކޮށްލުމުން ކަސްޓޯޑިއަލް ސަރަހައްދުގައި "ޗެނަލް-13" އާއި ވާހަކަދައްކަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރުން ކަމަށްވާ ފާތުމަތު ފަޒްލާ އަދި ސޫދާ އަބްދުﷲ ވަނީ އެ މުޒާހަރާއިން އަންހެނުން ހައްޔަރު ކުރީ އޮޅުވާލައިގެން ކަމަށް ބުނެފައެވެ. އަދި އަތުގެ ތަންތަނަށް ފުލުހުން އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާ ލިބިފައިވާ ކަމަށާއި، އަތުގައި ނޫފައިގަނެފައިވާ ތަންތަންވެސް ހުރިކަމަށް އެ ދެ މީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ދުވަހު ހައްޔަރު ކުރި ތިން ވަނަ އަންހެން މީހާ އަކީ އުމުރުން ދުވަސްވީ މީހަކަށް ވީ ނަމަވެސް އެ މީހާ އަށް ވެސް ފުލުހުން އަޅާ ނުލާކަމަށް އެ މީހުން ވަނީ ބުނެފައެެވެ.

އެގޮތުން އެ މީހުން ހައްޔަރު ކުރި ރޭގެ 11 ޖަހަން ދެން އެއްވެސް ކާއެއްޗެއް ނުދޭ ކަމަށާއި، އެ އަންހެން މީހާ އަކީ ދާއިމީ ބެހެއް ކާ މީހަކަށް ވާއިރު އޭނާ އަށް ބޭސް ކެއުމުގެ ކުރިން ކާއެއްޗެއް ދޭން ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެކަން ނުކޮށްދިން ކަމަށް ސޫދާ ވަނީ ބުނެފައެވެ. ހަމައެހެންމެ އެ އުމުރުން ދުވަސްވީ މީހާ ނަމާދުކުރަން ގޮނޑިއެއް ދޭން އެދުމުން އެކަމަށް ވެސް ބައެއް ފުލުހުން ދެކޮޅު ހެދިކަމަށް އެނާ ބުންޏެވެ.

އެ ދުވަހު ހައްޔަރު ކުރި ފިރިހެނުންވެސް ވަނީ އެ މީހުން ހައްޔަރު ކުރުމުގައި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކުރިކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ވެގެން ރިޕޯޓްކޮށްފައެއް ނެތް. ޑޮކްޓަރަށް ދައްކަން އެދިފައެއް ވެސް ނެތް." ފުލުހުން ވިދާޅުވިއެވެ.

އަދި އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ލިބޭ ފަދަ ކަމެއް ފުލުހުން ކޮށްފައިވާކަމަށް ބެލެވޭ ނަމަ އެކަން ބެލުމަށް މަތިކޮށްފައިވާ މުއައްސަސާތަކަށް ހުށަހެޅުއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ކޮވިޑް

  ރިޕޯޓް ކުރީމަ ވަގޮތް ނޭގޭތޯ ޕޮލިހަށް؟ އަޅުގަނޑު ދެކަމެއް ފާހަގަ ކޮށްލާ ހިތްވޭ ރިޕޯޓް ކުރީމަ ވެފަހުރި ގޮތުގެ،
  01- މައްޝޫރު ރޯޔަލް ކޭސް ، ރިޕޯޓް ކުރީމަ ވީ ގޮތް؟ ރިޕޯޓް ކުރިމީހާ ޑީޕޯޓް ތުހުމަތު ކުރެވޭ މީހުން ރޯޔަލް ކަންމަތީ މިނިވަންކޮށް
  02- ހޯމް މިނިސްޓަރ އިމްރާން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ރިޕޯޓް ކުރީމަ ރިޕޯޓް ކުރި ފަރާތް ވަޒީފާ އިން ވަކި ތުހުމަތު ކުރެވޭ ކަމަށް ބުނާ މީހާ މިނިސްޓަރ ކަމުގަ ބޮޑީގަރޑުން ލައިގެން ދިދަ ޖެހި ކާރު ކޮޅުގަ.
  ދެން ތި ވިދާޅުވީ ރިޕޯޓް ކޮށްފަ ނެތޭ؟ ނަސީބެއްނު ރިޕޯރޓް ނުކުރިން،

  5
  1