އެމެރިކާ އިން އަނެއްކާ ވެސް ތިމާވެށީގެ މުއާހަދާއާ ގުޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގެން ޕެރިސް ކްލައިމެޓް އެގްރީމަންޓް "ޕެރިސް ތިމާވެށީގެ މުއާހަދާ"ގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

އެއީ މުޅި ދުނިޔެ އެކުވެގެން ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން ތިމާވެށި ހިމާޔަތް ކުރަން ރާއްޖެއިން ކުރާ މަސައްކަތްތައް ހަމައެކަނި ބޭރު ގައުމުތަކުން ލިބޭ ފައިސާ އަށް ބަރޯސާކޮށްގެން ނުކުރާ ކަމަށާއި ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރަން ކުރާ މަސައްކަތްތަކުގެ 35 ޕަސަންޓު ޚަރަދު ކުރަނީ ސަރުކާރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގްރީން ޓެކްސްގެ ނަމުގައި ވަކިން ފަންޑެއް ހުޅުވައި، އެ ފަންޑުން ހޭދަ ކުރާ ހުރިހާ ކަމަކީ ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ހޭދަ ކުރާ ފައިސާ ކަމަށް ހަމަޖެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.

ހަމައެހެންމެ "ގްރީން ކްލައިމެޓް ފަންޑް" (ޖީސީ.އެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަން ދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާކުރި "ގައުމީ އިސްތިރާޖީ ފްރޭމްވާކް"ވެސް މިދިޔަ އަހަރު ވަނީ އިފްތިތާހުކޮށްފައެވެ.