ސްރީ ލަންކާގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ކުރިއެރުން ލިބޭނެ ކަމަސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި ލަންކާގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު ހުޅުވާލީ 10 މަސް ފަހުންނެވެ. ލަންކާގެ ވައިގެ ބަނދަރު ހުޅުވާލި އިރު، އެ ގައުމުގެ އެންމެ ބޮޑު އެއާޕޯޓު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި މައްތަލާ އެއާޕޯޓަށް ދަތުރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެކަމަކު، އެ ދެ އެއާޕޯޓުގައި ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ލަންކާގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލުމުން އެކަމަށް މަރުހަބާ ދަންނަވައި މައުސޫމް ވިދާޅުވީ ލަންކާގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމުން ރާއްޖެ ހިމެނޭހެން މި ސަރަޙައްދުގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

ފަތުރުވެރިން އައުމުގެ ހުއްދަ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ. އެގޮތުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނައްސިވާން ޖެހޭ އިރު، ކޯވިޑް އިންޝުއަރެންސެއް ހެދުން ހިމެނެއެވެ. ގައިޑްލައިންގައިވާ ގޮތުން ލަންކާއަށް އަންނަ ފަތުރުވެރިން ބުކިން ހައްދަންޖެހޭނީ، ލަންކާ ސަރުކާރުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ހޮޓާތަކުންނެވެ. އަދި ލަންކާގައި ތިބޭތާ ހަފްތާއެއްހާ ދުވަސް ފަހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަކީ ލާޒިމް ކަމެކެވެ.

ފަތުރުވެރިކަމަށް ސްރީލަންކާ ހުޅުވާލާފައިވާއިރު، މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ފަހަކަށް އައިސް މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.