އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި އިބޫގެ މައްސަލަ ތަހްގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފުލުހުން ފޮނުވިއެވެ. ނަމަވެސް ޕީޖީން އެމައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާތީ ފުލުހުން މިހާރު އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިބޫ ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލާގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ވެސް ކުރިއެވެ. އިބޫ ޖުމްހޫރީ މައިދާނުން ހައްޔަރުކުރީ އެއީ އެއްވުން މަނާ ސަރަހައްދަކަށްވެފައި އެތަނަށް އެއްވުމުންނެވެ.

މި މައްސަލައިގައި އިބޫގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ގަދަކަމުން ވަން މައްސަލާގައި އިބޫގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

އިބޫ އަކީ އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނާ

    ދަޢުވާ ކުރިޔަސް ނުކުރިޔަސް އެމް.ޑީ.ޕީގެ ކެނޑިޑޭޓް ވަރަށް ސާފު..