އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްއަކަށް އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް އިންތިހާބުކޮށްފިއެވެ.

އީސީގެ ނައިބު ރައީސް ކަމަށް ހަބީބް އިންތިހާބުކޮށްފައި ވަނީ އެ ކޮމިޝަނުން ބޭއްވި 623 ވަނަ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ އީސީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓެކެވެ.

ރާއްޖޭގެ އިންތިހާބާ ގުޅޭ ކަންކަން ބަލަހައްޓަމުން ގެންދާ އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހަބީބަކީ ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުން ކަމަށެވެ. ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިޝަނުގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އަލުން އިންތިޚާބުކުރަންވާނޭ ކަމަށެވެ.

އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަލީ ނަޝާތެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު