ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބު އަވަސް ކުރުމަށާއި މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އާއި ޕީއެންސީއިން އިއްޔެއާ ރޭ މުޒާހަރާކޮށްފައިވެއެވެ. އެ ކޯލިޝަނުން ބުނާ ގޮތުގައި ސަރުކާރުން ގެންދަނީ އިންތިހާބަށް ނުފޫޒު ފޯރުވައި އިންތިޚާބު ފަސް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބަށް އެކުލާވާލާފައިވާ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުން ވެސް އެބަ އޮތެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ވަގުތު" އަށް ވިދާޅުވީ އެ ކޯލިޝަނުން ބޭނުންވަނީ އިންތިހާބު ވީހާ ވެސް އަވަހަކަށް ބޭއްވުމަށް ކަމަށާއި އެ ކަމަށް ޓަކައި އީސީއިން ހުރިހާ ސިޔާސީ ޕާޓިތަކާ އެކު ބާއްވާ މަޝްވަރާތަކުގައި އެ ކޯލިޝަންގެ ދެ ޕާޓީއިން ވެސް ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕީޕީއެމްއާއި ޕީއެންސީއިން މަސައްކަތް ކުރަނީ އިންތިޚާބު ވީ އެންމެ އަވަހެއް ކުރަން، އިންތިޚާބު ލަސްވާ ވަރަކަށް އެތައް ބައެއްގެ ހައްގުތައް އެބަ ގެއްލޭ، މިއަދުގެ މަޝްވަރާގަ ވެސް، އަބަދުވެސް، އަޅުގަނޑުމެން ގޮވާލާނީ، ވަކާލާތު ކުރާނީ އިންތިހާބު އަވަސް ކުރަން،" ހީނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ. އީސީއިން ދެން މަސައްކަތް ކުރީ އެ އިންތިހާބު މި އަހަރު މާޗު މަހު ބޭއްވުމަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ނިންމިއެވެ.

މިހާރު ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ވެސް ގެނެސްފައެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އީސީއަށް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެކެވެ. އަދި އިންތިހާބަށް އެޗްޕީއޭއިން ޚާއްސަ ގައިޑްލައިނެއް ކަނޑައަޅަން ޖެހެއެވެ. އީސީއިން ވަނީ އޭޕްރީލް މަހާއި ޖޫން މަހާ ދެމެދުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމަށް މީގެ ކުރިން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ހުރިހައި ބާރެއް ދިނުމުންވެސް ގައުމު ހިންގަން ނޭނގުނީމާ އިސްތިއުފާދޭންޖެހޭ. ރައްޔިތުން ދަނީ ދުވަހަކަށްވުރެ ދުވަހެއް ނިކަމެތިވަމުން. އަބަދަކު ނުތިބެވޭނެ. ހުސްދޮގު ހަދަނީ. ދުވަހަކު ކިޔާއެއްޗެއް ދިމައެއްނުވޭ.