ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިންސާފްވެރިކަމާއި އެކު ލޯކަލް ކައުންސިލް އިންތިހާބު ބާއްވައިފި ނަމަ އެމްޑީޕީ ނާކާމިޔާބު ވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް. ރައްޔޮތުންގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއިން ތައްޔާރުވެ ހުރީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވާދަވެރިން "ބޮޑު ބައްޔަކުން ބަލި ކުރަން" ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ނުދީ އެންމެ ދިވެހި ރައްޔިތަކު ހުރެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވަމުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިންސާފްވެރިކަމާއި އެކު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވިއްޖެ ނަމަ ޕީޕީއެމް އިން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރަށް ދެއަހަރު ވީއިރު، ރައްޔިތުން ތިބީ ސަރުކާރުގެ ހިންގުމާއި މެދު ނުތަނަވަސްވެ، މާޔޫސްވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އާ އުންމީދުތަކަކާއި އެކު ބަދަލަކަށް ވޯޓުދިން ޒުވާނުންގެ އުންމީދު ސަރުކާރުގެ ފުރަތަމަ ދެއަހަރު ތެރޭގައި ގެއްލުވާލައިފި ކަމަށެވެ. އަދި ގައުމުގެ ކަންކަން އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރާނެ ކަމަށް އިތުބާރުކުރުމަށްފަހު ގެނައި ސަރުކާރަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ދެ އަހަރުގެ މަސައްކަތަށް ބެލުމަށްފަހު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދިނުމަށް ރައްޔިތުން ނުނިންމާނެއެވެ. އެއީ ނިމި ދިޔަ މަޖިލީސް އިންތިހާބާއި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ދިނުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވަކަވަކަ

  ޓްރަންޕް/ޔާމިން ދައްކާކަހަލަ ވާހަކަ ތިދައްކަނީ!!! ނުހޮވުނީމަ އެކަކަށް ގޯސްވީ ވޯޓުމެޝިން، އަނެކަކަށް ގޯސްވީ ވޯޓުލާން ގެންދިޔާ ގަލަން!!! ހެހޭއް

  1
  1
 2. އަލި ކަލޯ

  އެންމެ ފުކެއް ވެސް ދެން ނުފެންނާނެ! އެނގިއްޖެ

 3. ނިޔާޒް

  2015ގެ ރިޔާސީ އިންތިޚާބު އޮޅުވަލާފައިވަކަމަށް ރައީސް ޔާމީން ވިދާޅުވީ ހެކި ހުރެގެންނެވެ. .1. ނަތީޖާގެ ކުރީކޮޅު ޔާމީނަށް ކާމިޔާބުވަމުންއައިސް ވިއްސަކަށްފޮއްޓަށްފަހު ހެސްކިޔާފަ ނަތީޖާ އެނބުރެންފެށުން
  2. ރ ޓީވީއަށް ފްލޯކޮށްގެން ޤަވްމީ ޓީވީން ނަތީޖާ އިޢުލާންކުރަންފެށުން
  3. ކޮމްޕްލައިންސް ބިއުރޯތައް ހުއްޓާލާ އެތަންތަން ބަންދުކުރަން ފެށުން
  4. ވޯޓުބަލަހައްޓާ ވެރިން ނަތީޖާ ސްލިޕްގައި ސޮއިކުރުމުގެކުރިން ރ ޓީވީން ނަތީޖާ ކިޔަންފެށުމުން އީސީ އިން އެޔަށްފްލޯކޮށް ނަތީޖާ ސްލިޕްހެދުން
  5. އިންތިޚާބުގެ ނަތީޖާއާމެދު ފާޑުކިޔަންފެށުމުން އީސީގެ ވެރިން ޔާމީންގެ ޓީމަށް ރައްދުދޭންފެށުން
  6. ގިނަފޮށިތަކުން ކެނޑިޑޭޓް ނަމްބަރު 1 ށް ލިބުނު ވޯޓުތަކުން ތިންބައިކުޅައެއްބައި ބާޠިލްވޯޓުކަމުގައި ކަނޑައެޅުން
  7. ވޯޓު އަލުން ގުނުމުގެ އިޚްތިޔާރު ސްޕްރީމްކޯޓުން ދިނުމާއެކު ވޯޓާބެހޭ ހުރިހާ ލިޔެކިޔުންތަކާ ނަތީޖާ ސްލިޕްތައް އީސީ މެދުވެރިވެ ނައްތާލުން.
  8. ޔާމީނަށް ހުތުރުވާގޮތަށް އީީސީ އިން ސިޔާސީ ރައްދު ދިނުން
  9. ވޯޓުލާންފެށުމުގެ ކުރީ ހަފްތާގައި އީސީގެ އިސް ދެވެރިން ބޭރަށް ދަތުރުތަކެއް ކުރުން
  10. ވޯޓު އޮޅުވާލުމާބެހޭގޮތުން އީސީ ޝަރީފް އެމްޑީޕީ މީހަކާއެކު ދައްކާފަހުރި ވާހަކަތަކުގެ ތިން އޯޑިޔޯއެއް ލީކުވުން.
  އިންޝާއަﷲ މި މައްސަލަތައް ބެލި ފިޔަވަޅުއެޅޭދުވަސް އަންނާނެ!

  1
  1