މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ޑެލިވަރީ ކުރާ ތަންތަނުގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަތޯ ބަލައި ފިޔަވަޅު އަޅަން ނިންމައިފިއެވެެ.

މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން ޕަބްލިކް ހެެލްތު އިންސްޕެެކްޓްރޭޓު ޑިޕާޓްމެންޓުގެ ޑިރެކްޓަރ، އަހުމަދު ނާސިރު ވިދާޅުުވީ، ޑެލިވަރީ ކުރާ ތަންތަނުގައި ވެސް ހާއްސަ ކަންތައްތަކަކަށް އަމަލު ކުރަން ޖެހޭ ކަމަށް ގައިޑްލައިންތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެެންކަމުން ޑެލިވަރީ ކުރާ ނަމަ އެ ކަންކަމަށް އަމަލު ކުރަން ޖެހޭނެެ ކަމަށެެވެ.

އެ ގޮތުން ޑެލިވަރީ ކުރާ މީހުންނަކީ މުޖުތަމައުގެ ތެރޭގައި ފުދޭވަރަކަށް އުޅޭނެ ބައެއް ކަމަށާއި، އެހެންކަމުން އެެ މީހުންނާއި ކާބޯތަކެތީގެެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވީހާ ވެސް ދުރުން އުޅުން މުހިންމު ކަމަށް ނާސިރު ވަނީ ވިދާޅުވެފައެވެ.

އަދި ދިމާވުން ކުޑަކުރުމަށް ޓަކައި އެފަދަ ތަންތަނުގައި ހާއްސަ ޕޮއިންޓެއް ކަނޑައެޅިފައި ހުންނަން ޖެެހޭނެ ކަމަށް ގައިޑްލައިންތަކުގެ ތެރެއިން އެ ގޮތަށް އަމަލު ކުރަމުން ދޭތޯ ބަލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

"އެެހެންވީމަ ޑެލިވަރީ ކުރާނަމަ ޑެލިވަރީއަށް ހާއްސަ ޕޮއިންޓެއް ކަނޑައަޅާފައި ހުރުން މަޖުބޫރު. ޑެެލިވަރީ ކުރާ މީހުން ފުދޭވަރަކަށް ކޮމިއުނިޓީގެ ތެރޭގަ އުޅޭ ބައެއް. އެމީހުުން ވެެސް ވީހާވެެސް ކާބޯތަކެތި ތައްޔާރުކުރާ މީހުންނާއި، އެފަދަ ތަންތަނާއި ދުރުގައި އުޅުން މުހިންމު" އޭނާ ވިދާޅުވިއެެވެ.

ފިޔަވަޅުތައް ހަރުކަށި ކުރަން ފަށާފައި މިވަނީ، އަނެއްކާ ވެސް ވަރަށް ބާރަށް މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމުގެ ސަބަބުންނެވެ. އިއްޔެ 99 މީހަކު މި ބައްޔަށް ފައްސިވިއިރު، އޭގެ ކުރީ ތިން ދުވަހު 100 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ރާއްޖޭގައި ފައްސިވެފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި މި ބަލީގެ 16،155 ވޭދަނަ ފެނިފައިވާއިރު އޭގެ ތެރެއިން 14،263 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުން ގެންދަނީ 1،840 މީހެކަށެވެ.