ކޮވިޑް-19ގެ ވައްތަރުތައް (ވޭރިއެންޓް)ތައް ދެނެގަތުމަށް، ޖެނެޓިކް ސީކުއެންސް (ޖެންސް) ޓެސްޓްތައް ހަދާ ލެބޯޓަރީ އަންނަ މެއި މަހުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް ތަސްމީލާ އުސްމާން "ވަގުތަށް" ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޖެނެޓިކް ސީކުއެންސް (ޖެންސް) ޓެސްޓް ހަދާ ލެބް އަންނަ މެއި މަހުގައި ހުޅުވޭތޯ ކަމަށެވެ. އަދި ޖެންސް އަށް މިހާރު ވެސް ޕްރައިވެޓް ލެބެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ކޮވިޑްގެ ވައްތަރުތައް ދެނެގަތުމަށް ހަދާ ޓެސްޓް ހެދުމުގެ ކެޕޭސިޓީ އެބަ ހުރި ކަމަށެވެ.

ކޮވިޑަށް ޓެސްޓް ކުރާ ސާމްޕަލްތަކުގެ ވޭރިއެންޓް ދެނެގަތުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭރު ޓެސްޓް ކުރެވޭނެ ތަނެއް ގާއިމު ކުރާނީ ކޮންތަނެއްގައި ކަމެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

"ޖެންސް ޓެސްޓް ހަދާ ލެބޯޓަރީ ގާއިމު ކުރީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތް ލެބޯޓަރީގައި" ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުން އަންނަނީ ކޮވިޑްގެ ކޮން ވައްތަރެއްކަން ދެނެގަތުމަށް ހަދާ ޖެންސް ޓެސްޓްތައް ހެދޭނެ ނިޒާމެއް މިހާރު ވެސް ގާއިމު ކޮށްފައިވާކަން ހާމަ ކޮށްފައިވަނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް މިމަހުގެ 13 ވަނަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުންނެވެ. އޭގެ ކުރިން އެޓެސްޓްތައް ހަދަނީ ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    މިހާރުވެސް ތިޔަ ލެބޯޓަރީ ހުޅުވަގެން މަސައްކަތް ކުރަމުން ދަނީ. ހުންނަނީ އެންމެ މުވައްޒަފެއް އަދި އެއީ ޓެސްޓުކުރާ މެސިނަކީވެސް. އެއީ ކެރަފާ ބުރޭންޑުގެ ނަސީމު.