ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވަވައި ދެއްވި ރިޔާސީ ބަޔާނުގައި އަމާޒެއް ނެތް ކަމަށާއި މުޅި ބަޔާނުގައި އޮތީ ހަގީގަތެއް ނެތް ހުވަފެނީ ވާހަކަތަކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ރިޔާސީ ބަޔާނަކީ ދޮގާއި މަކަރާއި ހީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް ކަމަށެވެ.

"ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާތެރިކަން ހާމަވެއްޖެ، ރައްޔިތުން މިކަމާ އެބަ ވިސްނާ،" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައިރައީސް ސޯލިހްގެ ބަޔާނުން އެނގިގެން ދިޔަ ކަމަކީ އެމަނިކުފާނަކީ ތަހުޒީބު ނިޒާމެއް ބޭނުންފުޅު ނުވާ ވެރިޔެއް ކަމެވެ.

"ޚިތާބުން ފެނުނީ ޚުދުމުހުތާރު ކަން، އަސާސީ ޙައްޤުތައް ހަނިކޮށްފި، އިދިކޮޅު ފަރާތްތައް ތަހައްމަލް ނުކުރެވޭ، ޔުނީފޯމް މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފްރޭމް ކުރުން އާންމުވެއްޖެ، މިއީ މިހާރު ހުރިހާ ގޮތަކުންވެސް ފެއިލްވެފައިވާ ދައުލަތެއް،" ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ބަޔާނުގައި ކުރައްވަވާނެ ކަމަށް އަނެއްކާ ވެސް ވިދާޅުވީ ހަގީގަތް ނުހިފޭ "އަންރިއަލިސްޓިކް" ނުވަތަ ހުވަފެނީ ކަންތައްތަކުގެ ވާހަކަތައް ކަމަށެވެ.

"ރައީސް ސޯލިހްއަކީ އަމާޒެއް ނެތް އިތުރުފުޅު ހައްދަވާ ވެރިޔެއް ކަން އަނެއްކާ ވެސް އަމިއްލަފުޅަށް އިއްވެވި ބަޔާނުން ސާބިތުއްކޮށްދެއްވައިފި،" ޝިޔާމް ކުރެއްވި ޓްވީޓްގައިވެއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސް ވެފައިވާ ކަމަށެވެ. ރައީސް ސޯލިހް ހެއްދެވީ އިތުރުފުޅު ކަމަށާއި އެކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ވަޒީފާތަކުން ޒުވާނުން ވަކިކުރި. ބެހި ފައިސާއެއް، ލޯނެއް ލިބުނު ރައްޔިތަކު މި ގައުމަކު ނެތް،" ޝުޖާއު ކުރެއްވި ޓްވީޓްގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފާޑުވިދާޅުވަމުން ގެންދަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތުން ރައީސް ދެއްވަވާ ރިޔާސީ ބަޔާނަށް އެމަނިކުފާނުގެ ވާދަވެރި ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޖަވާބެއް އިއްވަވަން ޖެހެއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް ވަނީ މިދިޔަ އަހަރު ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ވެސް ޖަވާބެއް މަޖިލީހުގައި އިއްވަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްގު ބަސް

    މިސަރު ކާރު ވެރި ކަމަށް އައީވެސް ހުވަފެން ދައް ކާގެން ނިދިން ހޭލާއިރު އެއްވެސް ކަމެއް ނުހުންނާނެ ފެންނާ ކަށް.

    10
    4
  2. ޓޭޑޫޥޭޜީޚާޏޤ

    މާތް ﷲ އަންގަވާފަވަނީ ތެދުބުނުމަށާއި އިޚްލާސް ތެރިވުމަށް ރިޔާސީބަޔާން ނުގަ މިއިންއެއވެސްކަމެއްނުފެންނުނީމަހިތާމަކުރަން އަދި އަޔާވެރިކަން ނައްތާލެވިއިންސާފް ލިބެމުންދާކަމަށް ވިދާޅުވިއިރު ޢަދުލުއިންސާފުން ބޭރުން އެތައްބަޔަކަށް އަނިޔާވެރިވަމުން ދާކަން ރައްޔިތުންނަށްއެގޭ. ރައީސްޔާމީން އިންސާފްނުލިބި ނުޙައްޤުން އަނދަގޮޑިއަށްލައްވާގެން އުޅުއްވުމަކީ އިންސާފްކަމަށްވާނަމަ އިންސާފްޤާއިމްކުރެވިފައޮތްކަންޤަބޫލް ކުރަން .މާތްﷲ ގަންދޫހުވާތްކޮށްގެން ތިއްބަވާ ވެރިންނަކީ ޢަދުލުވެރިވެރިނަންވާޖެހޭނެކަމުގަ ދެކެމެވެ ނޫނަމަ ޤިމާތް ދުވަހުގެ ޙާލަކީކޮބައިތޯ.

    8
    2
  3. ޖަނާޒާ

    ޔާމީނަށް ވޯޓުނުދިން އެންމެން ކަރުހިއްކާތީ، ދެން ފެންބޮއި. ގިނައިން ބޯތި.

    4
    4
  4. ބޮކި

    ބޮޑު ވަގު އެއޮތީ ޖަލުގަ ! ދެން ލަލަލާ....

    1
    2
  5. އަލްޖިބްރާ

    ވަގު ކަލޭގެ މިނިވަންކުރާނަމޭ ނުބުނާހާ ހިދަކު ކަލޭމެނަށް އެއްކަމެއްގައިވެސް އަމާޒެއް އޮތްކަމަށް ބޮޑުވަގުގެ ވަގުން ޤަބޫލެއް ނުކުރާނެ ! މިއީ ދަންނަ ކަމެއް !

    1
    2
  6. އެމްޑީޕީ ބޮޓުން

    މިސަރުކާރުގައި ފުރަތަމަވެސް ކުރިކަމަކީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން. ބަދަލު ދިނުމުގެ ނަމުގައި ވެރިކަމައް އައުމައް އެހީތެރިވެދިން މީހުންނައް ރައްޔިތުންގެ ފައިސާ ބަހާ ހުސްކޮއްލީ. ޔާމީނު ދައުރައްވުރެ ބޮޑު ބަޖެޓް އޮތް ދެއަހަރު ވޭތުވެދިއައިރު އެެއްކަމެއްވެސް ނުކުރެވި އޮތީ ވައްކަން ބޮޑުކަމުން.