ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ (ލައިބްރަރީ) އާއި ޑިޖިޓަލް އަރުޝީފް (އާކައިވް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިދެއްވައިފިއެވެ.

މަޖިލީހުގެ ކުތުބުޚާނާ އާއި ޑިޖިޓަލް އަރުޝީފް ރައީސް ސޯލިހް ހުޅުވައި ދެއްވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށްފަހުގައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަރުޝީފްގައި 6،688 ލިޔުމާއި 1،129 ވީޑިއޯގެ އިތުރުން 10،000 އަށް ވުރެ ގިނަ ފޮޓޯ ހިމެނެއެވެ. މި ގޮތުން 2،133 ފޮތާއި 2،214 ފައިލް ހިމެނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކުރީގެ މަޖިލިސްތަކުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި ގާނޫނުތަކާއި މަޖިލީސް ހިންގަމުން އައި ގޮތާ ގުޅޭ ގޮތުން ހުރި އެކި ދުވަސްވީ ލިޔުންތައް ހުރި ކަމަށެވެ. މިއަދު ހުޅުވި އަރުޝީފަކީ އެ ލިޔުންތައް ޑިޖިޓަލައިޒްކޮށް އެކުލަވާލާފައިވާ ޑިޖިޓަލް އަރުޝީފްއެކެވެ. އަދި ހުޅުވި ކުތުބުޚާނާގައި ވަނީ އެ ލިޔުންތައް ޕްރިންޓްކޮށް އުފައްދާފައިވާ ފޮތްތަކެވެ.

މަޖިލީހުގައި ހުރި ލިޔެކިޔުންތަކާއި ފޮތްތައް ޑިޖިޓަލްކޮށް އާކައިވް ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށިއެވެ. އެ ލިޔެކިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މަޖިލީހުގެ ވެބްސައިޓްގައި ވެސް އެ ލިޔެކިޔުންތައް ޝާއިއު ކުރާނެއެވެ.

މަޖިލީހުގައި މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭ ލިޔެކިޔުންތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ ލިޔެކިޔުންތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރެއެވެ. މި ގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ގަރާރުތަކާއި، މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ދިރާސާކޮށް އެކުލަވާލައި ރިޕޯޓްތައް ވެބްސައިޓްގައި އާންމުކޮށްފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރާމްޒާދާ

    ހާދަހާވާ ބޮޑެތި ތަރައްގީއޭ މިހިރަ ފެންނަނީ. މިހިރަ މިހިރަ ތަރައްގީތަކުގެ ސަބަބުން ރައްޔިތުންގެ ބަނޑުފުރާނަ މުއްތިވެ އެ މީހުން ތިބީ ދެމިޔަކަނުން ހެވިފަޔޯ. ވާސަރީވާ.