މިއަދުގެ ނިޔަލަށް 1000 މީހުންނަށް ވެކްސިން ދީ ނިންމުމަކީ އަމާޒެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ، މިއަދުގެ ނިޔަލަށް 1000 މީހުންނަށް ވެކްސިން ދިނުމަކީ އަމާޒެއް ކަމަށެވެެ.

"މިއަދުގެެ މިހާތަނަށް ގާތްގަނޑަކަށް 300 މީހުންނަށް ވެެކްސިން ދެެވިއްޖެެ. އަމާޒަކީ މިއަދުގެ ނިޔަލަށް ވެކްސިން ދެެވޭ މީހުންގެ އަދަދު 1000 އަށްވުރެ އިތުރު ކުރުން" މިނިސްޓަރ އާދިލް ވިދާޅުވެެއްޖެެއެެވެ.

އާދިލް އިތުރަށް ވިދާޅުވީ، އެހެން އިންފުލުއެންޒާ ވެެެކްސިންތަކާއި ހިލާފަށް ކޮވިޑް-19 ވެެކްސިން ދިނުމަކީ ތަފާތު ގިނަ އިރު ނަގާ ކަމެއް ކަމަށެވެ. އަދި ވެކްސިން ދިނުމަށް ހުރިހާ ސިއްހީ ހިިދުމަތްތެރިންވެސް ހާއްސަ ނުކުރެވޭޭނެ ކަަމަށާއި، މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ސިއްހީ ހިދުމަތްތެެރިންނަށްވެސް "ރެސްޓު" ބޭނުންވާނެ ކަމަށެވެ.

އޭނާގެެ ވާހަކައިގައި ވަނީ، ވެކްސިން ދެވުނު ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އާންމުން ބޯލެނބުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތައްދައްކާގޮތުން އިއްޔެ 742 މީހަކަށް ވެކްސިން ދީފައި ވެއެވެ. މީގެ ތެރެއިން 643 މީހަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 99 މީހަކަށް ވެކްސިން ދީފައި އަތޮޅު ތެރެއިންނެވެ.

މިހާރު އުމުރުން 75 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ހިދުމަތް ދެވޭނެ ގޮތް ވަނީ ހަދާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދީފައި ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމަށެވެ. ޝިރާނީއަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.