މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވައުދު ނުފުއްދި ލަސްވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މުޅި ރާއްޖެއަށް އިއްވަވައިދެއްވި ރިޔާސީ ބަޔާނުގައި އަނިޔާ ލިބުނު އާއިލާތަކަށް އުއްމީދެއް ދެއްވާނެ އެންމެ ބަހެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ވިދާޅުނުވުމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރާލާފައިވާ މީހުނަށް އިންސާފު ހޯދައިދިނުމަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅު މިއަދު ބިލާހަކަށް ވެގެން ގޮސްފައިވާ ކަން އެނގުނު ކަމަށެވެ. ރައީސް ރިޔާސީ ބަޔާނުގައި އަނިޔާ ލިބުނު އާއިލާތަކަށް އުއްމީދެއް ލިބޭނެ އެންމެ ބަހެއް ވެސް ވިދާޅުނުވާ ކަަން އޭނާ ފާހަގަކުރެއްވިއެވެ.

"އެ ވާހަކަ (މަރާލާފައިވާ މީހުނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަ) ދައްކަނީ ހަމައެކަނި ވޯޓް ހޯއްދަވަންތޯ؟ އިންސާފު ލަސްވާ ކޮންމެ ދުވަހަކީ ސަރުކާރަށް [ރައްޔިތުންގެ] އިތުބާރު ގެއްލޭނެ ދުވަހެއް،" އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުން، ރައީސް ސޯލިހް ރިޔާސީ ބަޔާން ސިފަ ކުރައްވަނީ އަމާޒެއް ނެތް ބަޔާނެއްގެ ގޮތުގައެވެ. އަދި ހަގީގަތާ ދުރު ހުވަފެނީ ވާހަކަތަކެއް ހިމެނޭ ބަޔާނެއްގެ ގޮތުގައެވެ. އެ ބަޔާން އިއްވަވަމުން އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ.

މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ ވަރަށް ގިނަ މައްސަލަތައް ފުރިހަމައަށް ތަހުގީގު ނުވާ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ. އެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް ހަގީގަތާ ހަމައަށް ވާސިލްވުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ތަންފީޒު ކުރުމަށް ޓަކައި، ރިޔާސީ ކޮމިޝަނެއް ވެސް އެމަނިކުފާނު އެކުލަވާލެއްވިއެވެ.

އެކަމަކު ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލެއްވި އެ ކޮމިޝަންގެ މަސައްކަތް ލަސްވެ ގިނަ މައްސަލަތަކުގެ ހަގީގަތާ ހަމައަށް އަދިވެސް ވާސިލްވެފައި ނެތުމުން އާންމުންގެ ކަންބޮޑުވުން އަދިވެސް ވަރަށް ބޮޑަށް އެބަ އޮތެވެ. ބައެއް މައްސަލަތަކުގެ ތަހުގީގާ ގުޅޭ ޑްރާފްޓް ރިޕޯޓެއް އެކުލެވިފައި އޮތް ނަމަވެސް މިހާތަނަށް މިއިން މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފޮނުވިފައި ނުވެއެވެ.

މި ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބިދޭ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރިޔާސީ ކޮމިޝަންތަކުގެ ބިލެއް ވެސް ފާސްކޮށް ރައީސް ސޯލިހް ތަސްދީގު ކުރައްވާފައިވެއެވެ. ދައުވާ ކުރުމަށް ޝަރުއީ ކޯޓަކަށް ފޮނުވުމާއި ތަހުގީގަށް މީހުން ހާޒިރު ކުރުމާއި މިފަދަ ބާރުތަކެއް ދެވުނު ނަމަވެސް ކޮމިޝަންތަކުގެ މަސައްކަތް އެކަށޭނެ ގޮތަކަށް ހިނގާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިންދު

    އެއީ އެމް.ޑީ.ޕީ އެބުނާ އިންސާފު، އެމީހުންނަށް ވެރިކަން ލިބި އެމީހުން ބޭނުންހާގޮތަކަށް ކަން ކަން ކުރެވެން ފެށީމަ އެއޮތީ އިންސާފު ލިބިފަ ދެން އެގޮތަށް ވިސްނާލައިގެން ތިބީމަ އެ ނިމުނި! ބަލަގަ މަރުތަކުގެ ވާހަކަ ދެއްކޭނި ކިހިނެތް އެކަން ކަމުގެ މުގޫގޮސް ގުޅެނީ އެމީހުންގެ ކޮންމެވެސް މީހަކާ ދެން ކިހިނެތް ލާހިކުވާނި އެ ކަން ކަން ބަލަން! ބަޔަކު އެހެނަސް އެކަންވެސް ފޫޅުކަނޑަނީ ރައީސް ޔާމީނަށް! އެހެންތާވާނީ ރަންނަމާރި ދެކެ ނުގަންނަބިރު މިވެރިން ރައީސް ޔާމީމް ދެކެ ގަނޭވިއްޔާދޯ!