ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅެން ޖެހިފައިވާ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ އުސޫލުތައް ހިމެނޭ ގައިޑްލައިނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

މި އުސޫލަކީ މި ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ދަށުން އެޗްޕީއޭއިން އެކުލަވާލި އުސޫލެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.

މި އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައި އާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނާފައިވެއެވެ. ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ވެސް ހިމަނާފައިވެއެވެ.

މި ގޮތުން ވޯޓުލާ މަރުކަޒުތަކުގައި ސެނިޓައިޒާ ބެހެއްޓުމާއި، ވޯޓުލާ ކިއޫގެ ގައިދުރުކަން ކަށަވަރު ކުރަން ސުޕަވައިޒަރުން ބެހެއްޓުމާއި، ކުޑަދޮރުތައް ހުޅުވާފައިި ބެހެއްޓުމާއި، ގޮނޑިތައް ދުރުދުރުގައި ބެހެއްޓުމާއި، އޮފިޝަލުންގެ ކޮންޓެކްޓްވާ މީހުން މަދު ކުރުމުގެ ގޮތުން އޮފިޝަލުންގެ ކުދި ގްރޫޕްތަކެއް ކަނޑައެޅުމާއި، އިންތިޚާބުގެ މަސައްކަތް ހުއްޓި ނުދާނެހެން ބެކްއަޕް އޮފިޝަލުންގެ ޓީމެއް ހަމަޖައްސާފައި އޮތުމަށް ވެސް އުސޫލުގައިވެއެވެ.

ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށް ދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

ކޮވިޑް-19 އަށް ފައްސިވެގެން އެކަހެރިކޮށްފައި ތިބި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާއި އަލާމާތް ހުންނަ މީހުން ވޯޓު ލުމަށް ވަކި ތަނެއް އަދި ނުވަތަ ވޯޓުލާން އައުމަށް ވަކި ތަނެއް ހަމަޖެއްސިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުސޫލުގައިވާ ގޮތުން އެކަހެރިކޮށްފައި ތިބި މީހުންނަށް އެ މީހުން ތިބި ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެއެވެ.

އުސޫލުގައިވާ ގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށެއްގައި ކެމްޕޭން ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރެވޭނެއެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އޮންލައިން ޕްލެޓްފޯމްތަކެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިކަމުންވެސް ޔަގީންކޮއްދެނީ މިަވެރިކަމުގެ 5 އަހަރުނިމްމާ ލާނީ ކޮވިޑު ބޮލުއަޅުވާފަކަން

  2. ދިލްބަހާރު

    އޭޕްރީލް 9 ވަނަދުވަހުގެ ރޭ ޕޮޒިވް ބަޔަކު ވެއްޖެނަމަ ވޯޓްލާން ހަދަނީ ކިހިނެއް