ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަމަލު ކުރަން ޖެހޭ އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ އުސޫލުތައް ހިމެނޭ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިޚާބު ބޭއްވުނަށް ބުރަ ބޮޑު ކަމަކަށް ވެފައި އޮތުމުން އެ ކަމާ މެދު ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާ ކުރަން ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެޗްޕީއޭގެ ގައިޑްލައިން ރޭ އާންމުކުރިއިރު އޭގައި ކޮމިޝަންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މި ގޮތުން އިންތިހާބާއި ސިޔާސީ ޕާޓީތަކުގެ ކެމްޕޭނަށް ޚާއްސަ އުސޫލެއް އެ އުސޫލުން ފާހަގަނުވި ކަމަށާއި ފެންނަން އޮތީ މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ.

ކަރަންޓީނުވާ ފަރާޓްތަކަށް ވަކި ވޯޓުލާ މަރުކަޒުތަކެއް ގާއިމް ކުރަން އޮތް އިރު، އެއީ ވެސް ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފުދޭ ކަމަށް ޝަރީފް ފާހަގަ ކުރައްވައެވެ. އެހެންކަމުން މި ކަންބޮޑުވުންތައް ޚިއްސާ ކުރައްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ކުރައްވަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އީސީގެ މެންބަރު ފުއާދު ތައުފީގު ވެސް ވަނީ މި ކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ފުއާދު ވިދާޅުވީ ރޭ އާންމު ކުރި ގައިޑްލައިންގައި ކޮމިޝަނަށް ފާހަގަވާ ކަންބޮޑުވުންތަކެއް ހުރުމުން އެ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާ ކުރައްވަން ކޮމިޝަންގެ މެންބަރުންގެ މެދުގައި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެކަމަކު އިންތިޚާބު ފަސް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

މި ގައިޑްލައިންއަކީ މި ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ދަށުން އެޗްޕީއޭއިން އެކުލަވާލި އުސޫލެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.

މި އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައި އާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ހިމަނާފައިވެއެވެ. ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ވެސް ހިމަނާފައިވެއެވެ.

ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށް ދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

ކޮވިޑް-19 އަށް ފައްސިވެގެން އެކަހެރިކޮށްފައި ތިބި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާއި އަލާމާތް ހުންނަ މީހުން ވޯޓު ލުމަށް ވަކި ތަނެއް އަދި ނުވަތަ ވޯޓުލާން އައުމަށް ވަކި ތަނެއް ހަމަޖެއްސިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އުސޫލުގައިވާ ގޮތުން އެކަހެރިކޮށްފައި ތިބި މީހުންނަށް އެ މީހުން ތިބި ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެއެވެ.

އުސޫލުގައިވާ ގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށެއްގައި ކެމްޕޭން ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރެވޭނެއެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އޮންލައިން ޕްލެޓްފޯމްތަކެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހހ

    ކީއްކުރަން ބާއްވާ އިންތިހާބެއްތަ؟

    5
    2
  2. ބުއްޅަބެ

    އިންތިޙާބު އެއީ ބާއްވަންޖެ ހޭ އެއްޗެއް.ދުނިޔޭގެ އެ ހެން ގައުމު ތަކުގަވެސް އިންތި ހާބު ބާއްވާ މީ އިންތި ހާބުގެ މައްސަލައެއްނޫން މިއުޅެނީ ވައްކަން ނުކުރެވިގެން

  3. ލ.ގަމު

    އަދިމާއަވަހެއްނު އަދިމަޑުކޮށްލާ ހަރާމެއް ހަލާލެއްނޭނގޭ ޖާހިލުންނަށްރަނގަޅުވާނީ އިންތިޚާބަކާއި ނުލައި ތިގޮތަށް ހަރާމް ލާރި ކާލަ ކާލައިތިބިއްޔާ އިންތިހާބެއް ނުބާއްވަންތިއުޅެނީ ތިމާމެނަށް އެނގޭދޯ ތިބައިގަނޑަށް ދިވެހިރައްޔިތުންގެ ތާއީދެއްނެތްކަން؟