ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އައްޑޫ ސިޓީ އަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެޗްއީއޯސީން ފުރަތަމަ އަރާ ފޭބުން މަނާ ކުރީ ހިތަދޫއެވެ. ނަމަވެސް މިހާރު ވަނީ މުޅި އައްޑޫ ސިޓީ އަށް އަރާ ފޭބުން މަނާ ކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގު ވިދާޅުވީ އައްޑޫ އިން ފައްސިވެފައިވަނީ ހިތަދޫގައި ދިރިއުޅެމުން އަންނަ 2 މީހަކު ކަމަށެވެ. އަދި މިވަގުތު ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އެ ސިޓީއަށް އަރާ ފޭބުން މަނާކޮށް، އެރަށަށް މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ.

އެ ސިޓީ މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީ ގުޅިފައިވާ 3 ރަށަށް އެރުން މަނާ ކޮށްފައިވާއިރު، އެ ސިޓީގެ ހުޅުމީދޫއަށްވެސް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ. ހުޅުމީދޫ އިން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ.