އައްޑޫ ސިޓީގެ އިހަލުން (ކްލަސްޓާ) އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިއަދު ވިދާޅުވީ އައްޑޫ އިހަލުން ފައްސިވި ހަތަރު މީހުންނާއެކު އެ އިހަލުން ކޮވިޑަށް ފައްސި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށެވެ. އައްޑޫ ގައި ކަރަންޓީނުގައި ހުރި މީހަކުވެސް ކޮވިޑަށް ފައްސިވެފައި ވާތީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުނު ވޭދަނަތަކުގެ ޖުމުލަ އަދަދު 23 އަށް އަރާފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމީދޫ އިން ކޮވިޑް-19 އަށް 25 މީހަކު ވަނީ ފައްސިވެފައެވެ.

"އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ޖުމުލަ 23 މީހުން ފައްސިވީ. އެއީ އޭވިއޭޝަން ކްލަސްޓާގެ ހަތަރު ކޭސް އެއް ފެނުނީ. ދެން ފައްސިވީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެއް،" އޭނާ ވިދާޅުވިއެވެ.

އައްޑޫން މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް-19ގެ ދެ ވޭދަނަ ފެނުމާއި ގުޅިގެން އެރަށް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް އެ އިހަލުން 22 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، އައްޑޫގައި ފުދޭ ވަރަކަށް ބޮޑަށް ބަލި ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރަން ފަށައިފައެވެ.

އެގޮތުން އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން މިހާރު ވަނީ ނިންމާފައެވެ. އައްޑޫގެ މޭޔަރު ސޯބެ އިއްޔެ ވިދާޅުވީ އައްޑޫން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ބަލީގެ އާ ވައްތަރެއް އުޅޭތީ ކަމަށް ބެލެވޭ ކަމަށެވެ.

މޭޔަރު ވިދާޅުވީ، އައްޑޫއަށް މީގެ ކުރިން ކަރަންޓީނަށް އައި މީހުން ފައްސިވިޔަސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ކަމަށެވެ. ނަމަވެސް ފަހުން ފައްސިވެފައިވާ އިހަލުގެ މީހުން ބައްޔަށް ޓެސްޓް ކުރަނީ އަލާމާތްތައް ހުރެގެން ކަމަށާއި އެގޮތަށް ކުރާ ޓެސްޓުން ފައްސި ނަތީޖާ ލިބޭ ކަމަށް ވިދާޅުވިއެވެ.