ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން އެހެން ވަކި ގޮތެއް ކަނޑައަޅަން ދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ނިހާންގެ މައްޗަށް ކުރާ ހަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ, މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ, ރިޝްވަތު ލިބި ދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ.

މިއަދު ބޭއްވި މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރައްވަނީ ނިހާން ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީއެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިހާން ހާޒިރު ކުރުން މުހިއްމު ވާނެތީ ކަމުގައެވެ.

މައްސަލަ ބައްލަވާ ގާޒީ ދެން ވަނީ އެ ކަމުގައި ނިހާންގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ. ގާޒީގެ އެ ސުވާލުގެ ޖަވާބުގައި ނިހާން ވިދާޅުވީ އޭނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގައެވެ. "ޕާސްޕޯޓް ހިފެހެއްޓިއަސް އަދި ނުހިފެހެއްޓިއަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް، މިއިން އެއްވެސް ހާލަތެއްގައި ފިލަން ގައުމުން ފުރައިގެން ދާނެ މީހެއް ނޫން،" ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން އެދިވަޑައިގެންފައިވާއިރު އެ ކަމުގައި ނިހާންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވުމުންނާއި ޝަރީއަތުން ވެސް މައްސަލަ އަވަހަށް ނިމެން ބޭނުންވާތީވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން ވަކި އެހެން ގޮތެއް ކަނޑައަޅަން ދެން ނިހާންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރައްވާ ކަމަށް އިއުލާން ކުރައްވައިފައެވެ.

ޝަރީއަތުގެ އަޑުއެހުމަށް މިއަދު ނިހާން ހާޒިރުވެ އިންނެވީ ވަކީލަކާ ނުލައެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު ހަމަޖައްސަވަން މުއްދަތެއް ބޭނުންވޭތޯ ނުވަތަ ވަކީލަކާ ނުލާ ކުރިއަށް ދާނީތޯ ނިހާނަށް ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ނިހާން ވިދާޅުވީ އޭނާ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި އެ ކަމަށް ގާތްގަނޑަކަށް 15 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ނިހާން އެދިވަޑައިގަތެވެ.

އެކަމަކު ގާނޫނުގައި ވަކީލަކު ހަމަޖެއްސެވުމަށް ފުރަތަމަ ފުރުސަތު ދެއްވަން އޮންނަނީ 10 ދުވަހުގެ މުއްދަތެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. އަދި 10 ދުވަހުގެ މުއްދަތު ހަމަވުމުން ފަހުން އެ މުއްދަތު އިތުރުކޮށްދޭން އެދެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. މި ކަންކަން މި ގޮތަށް ފާހަގަކުރެއްވުމަށް ފަހު ގާޒީ ވަނީ ނިހާނަށް ވަކީލަކު ހަމަޖައްސަވަން 10 ދުވަހުގެ ފުރުސަތެއް ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވގ

    ނިހާންތަތިއަނެއްކާ ހާދަވައްތަރޭ އޭނަގެ ކާފަޔާ

  2. މޯދި

    ނިހާންގެ މާއިބަދުގެ ޑިސްކު ގުޑާފަހުންނާތީވެ މިހާރުވެސް ބޭސްފަރުވާއަކަ ޔޫއެސްއަށް ދާންޖެހި ފަވަނީ