އައްޑޫސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫސިޓީ އިން ފައްސިވެފައިވާ އެމީހާއަކީ ހިތަދޫގައި ކަރަންޓީނުގައި ހުރި މީހެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫއިން ފައްސިވެފައިވަނީ ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި އިހަލުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެކެވެ.

މިއަދު އިތުރު މީހަކު ފައްސިވުމާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. އެއީ ހިތަދޫއިން ފައްސިވި 21 މީހުން، މަރަދޫ ފޭދޫއިން 4 މީހުން އަދި ފޭދޫއިން 14 މީހެކެވެ.

މި އިހާގައި ގާތުން ބައްދަލުވި ކަމަށް 345 މީހަކު ފާހަގަ ކުރެވިފައިވާއިރު، މި ވޭދަނަތަކާއި ގުޅިގެން އައްޑޫގެ 214 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

އައްޑޫގައި މިވަގުތު ދެ އިހަލެއް އޮތް އިރު، ހުޅުމީދޫގައި ވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓެއްގައި ކޮވިޑް ފެތުރި، ބަލި ޖެހުނު ބިދޭސީންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.

މިއާ އެކު އައްޑޫގައި ކޮވިޑް ޖެހިގެން ފަރުވާދޭ މީހުންގެ އަަދަދު ވަނީ 65 އަށް އަރައިފައެވެ.

އައްޑޫސިޓީގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު