ރޭ ހެންވޭރު ބޮޑުފުންގަނޑު މަގުގައި ތިން އަންހެނަކުގެ މެދުގައި ހިންގި މާރާމާރީއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހަމަނުޖެހުމެއްގެ މައްސަލަ ރޭ 21:52 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ. "މި އިންސިޑެންޓާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެއަންހެނަކު ވަނީ މަގުމަތީގައި ހުރި އަންހެނަކާއި ޒުވާބުކޮށް އޭނާ މަގުމައްޗަށް ވައްޓާލާފައެވެ. މަގުމައްޗަށް ވެއްޓުނު މީހާ ތެދުވެ އޭނާއަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެތަނުގައި ހުރި ފިރިހެނަކު އެކަމަށް ހުރަސްއެޅުމުން ބޮޑު މާރާމާރީއަކަށް އެކަން ނުވިއެވެ.

ފިރިހެނަކު އެމީހުންނަށް ހުރަސް އެޅުމުން ފަހުން އެކަކު އަނެކަކުގެ ގަޔަށް އަތް ނުލެވުނު ނަމަވެސް އެމީހުން ވަނީ އެކަކު އަނެކަކަށް އައުގުރާނަ ގޮވާފައެވެ.

ވީޑިއޯ އާއްމުކުރި "އެމްވީކްރައިސިސް" އިން ބުނީ މާރާމާރީ ހިންގީ އެޗްއީއޯސީގެ ފާސް އަޅައިގެން ތިބި ބައެއް ކަމަށެވެ. ނަމަވެސް އެކަން "ވަގުތު" އަށް ކަށަވަރެއް ނުކުރެވެއެވެ.

ވީޑިއޯގައި ދައްކާ ވާހަކައަށް ބަލާއިރު ތަނަކަށް މައްސަލައެއް ރިޕޯޓް ކުރުމުން އެމީހުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށް ބެލެވެއެވެ.