ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ތިމާވެށީގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ވެމްކޯއިން ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރާ ލެބެއް ހުޅުވައިފިއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ ސައިޓުގައި ހުންނަ މި ލެބު މިއަދު ހުޅުވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓާ ތޯރިގް އިބްރާހިމްއެވެ. ލެބް ހުޅުވައިދިނުމަށް ފަހު ލެބުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މިނިސްޓަރަށް ވެމްކޯގެ އޮފިޝަލުން ކިޔައިދެއްވިއެވެ.

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: ޖިމީ މުހައްމަދު

ޕާލޭ މޯލްޑިވްސްގެ ފަރާތުން ވެމްކޯއަށް ހަދިޔާ ކުރި މި ލެބުގައި ޕްލާސްޓިކް ރިސައިކަލްކޮށްގެން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ބައެއް ސާމާނު ތައްޔާރު ކުރެވޭނެ އެވެ. އެގޮތުން ފޯނުގެ ކަވަރާއި، ޕްލާސްޓިކް ތައްޓާއި ފައިލް އަދި އެހެނިހެން ތަކެތި އުފެއްދޭނެއެވެ.

ރިސައިކްލިން ލެބް ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓާ ތޯރިގް އިބްރާހިމް ވިދާޅުވީ މި ލެބުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކޮށްގެން ކުރެވޭނެ ކަންތައްތައް ދިވެހި ދަރިވަރުންނަށާއި މުޅި މުޖްތަމައުއަށް ދެއްކޭނެ ކަމަށެވެ. އަދި ޕްލާސްޓިކް މޫދަށާއި އެކި ތަންތަނަށް އެއްލާލުމުގެ ބަދަލުގައި ރިސައިކަލް ކުރެވޭނެކަން މިލެބުން ދައްކުވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: ޖިމީ މުހައްމަދު

މީގެ އިތުރުން މިއަދު ހުޅުވި ލެބަކީ 100 ކިލޯ އަދި 500 ކިލޯއާއި ދެމެދުގެ އަދަކަށް ޕްލާސްޓިކް ރިސައިކަލް ކުރެވޭ ލެބަކަށް ވާއިރު އެ މަސައްކަތް އެއަށް ވުރެ ފުޅާ ދާއިރާއެއްގައި ވެސް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ،

"މި ލެބުގައި ސްކޫލު ކުދިންނަަށާއި އަދި މިކަމުގައި އިންޓްރެސްޓު ނަގައިގެން އުޅޭ ބޭފުޅުންނަށް މި ލެބުގައި ކުރެވޭ ކަންތައް ދައްކާލެވޭނެ. އަދި އެޑިއުކޭޝަނަލް ޕާޕޮސެސް އަށް މިކަންތައް ކުރެވޭނެ. މިއީ އަޅުގަނޑު ދަންނަވާނީ ފެށުމެކޭ." މިނިސްޓަރު ވިދާޅުވިއެވެ.

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: ޖިމީ މުހައްމަދު

ޕާލޭގެ ފަރާތުން ސިންގަލް ޔޫސް ޕްލާސްޓިކް ރިސައިކަލްކުރުމަށް ކުރަމުންދާ މަސައްކަތައް ތައުރީފުކުރައްވައި މިނިސްޓަރު ވިދާޅުވީ ޕާލޭއިން ލެބު ހަދިޔާ ކުރުމަކީ ތިމާވެށީގެ ދުވަހުގެ ޝިޔާރު ކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ގެ ދަށުން ކުރެވިގެންދާ މަސައްކަތްތަކަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖިން ޑިރެކްޓާ ޝާހީނާ އަލީ ވިދާޅުވީ މި ލެބް ބޭނުންކޮށްގެން ސިންގަލް ޔޫސް ޕްލާސްޓިކް އުކާލުމުގެ ބަދަލުގައި ރިސައިކަލް ކުރުމާއި މެދު ސްކޫލު ކުދިން އަހުލުވެރި ކުރެވި ޕްލާސްޓިކް އުކާލުން މަދު ކުރެވިދާނެ ކަމަށެވެ.

ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: ޖިމީ މުހައްމަދު

"ޕްލާސްޓިކް ފްރީ އެންވަޔަރަމެންޓަކަށް ދެވޭނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ގެންގުޅޭ ޕްލާސްޓިކް ރަނގަޅު ގޮތުގައި ނައްތާލަން ދަސްވެެގެން. ދެން އެ މަދުކުރަން ދެއްތޯ؟" ޝާހީނާ ވިދާޅުވިއެވެ.

ޕްލާސްޓިކް މަދު ކުރަން ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ޕްލާސްޓިކް އެއްކޮށްގެން ވެމްކޯގައި ހުންނަ ލެބަށް ގެނެސްދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމީއު

    ރާއްޖޭގައި ދަގަނޑު ރިސައިކަލް ކުރާކާރުހާނާއެއް އަޅަންވީ. ކޮންމެ އަހަރަކު އެތަށް ޓަނެއްގެ ދަގަނޑު އިންޑިއާއަށް ބޭރުކުރޭ. އޭގެ ބަދަލުގައި މިބުނާ ކާރުހާނާ އަޅައިފި ކަމަށް ވާނަމަ އުމްރާނީ އެކިމަސައްކަތަށް ތަފާތު ދަގަނޑު ތައްޔާރު ކުރެވި ވަޒީފާތަށް އިތުރުކުރެވި ބޮޑެތި މަންފާތަކެއް ކުރާނެ. ޕްލާސްޓިކް ވެސް ހަމަ އެފަދަ. މީހަމަ ރަނގަޅު ހިޔާލެއް ނޫންތޯ؟

  2. ޔާނުސ

    ޖިމީ މުހައްމަދަކަށް ފޮޓޯ ނަގާކަށް ނޭނގޭ! ވަރަށް ސަލާމް

  3. އަބްދުއްލާ

    މައްސަލަޔަކީ ރާއްޖޭގަ ތިޔަކަން ކުރުމުން އަގު ބޮޑު ވާނެ