ތ.އަތޮޅު ވޭމަންޑޫ އިންޖީން ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑިފައި އޮތް މައްސަލަ އެއްވެސް ވަރުބަދަލިކަމެއް ނެތި މަސައްކަތްކޮށް ވަރަށް އަވަހަށް ހައްލުކޮށްދޭނަން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވޭމަންޑޫގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑުމާއިއެކު ސައީދު އިއްޔެ ވަނީ ވޭމަންޑުއަށް ވަޑައިގެންފައެވެ. އޭނާ އަދިވެސް ހުންނެވީ ވޭމަންޑޫގައެވެ.

ސައީދު ވިދާޅުވީ ވޭމަންޑުއަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ އިރުޝާދުތަކާއި އެއްބާރުލުން ރައީސް ޞާލިހް ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ. ރައްޔިތުން ކެއްތެރިކަމާއިއެކު ފެނަކަ ކޯޕަރޭޝަނަށް އެއްބާރުލުން ދެއްވުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.

ވޭމަންޑޫ ކަރަންޓް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިއަދު ހެނދުނު ތ.ގުރައީދޫން 360 ކިލޯވޯޓްގެ ޖަނަރޭޓަރެއް ވަނީ ވޭމަންޑުއަށް ގެންގޮސްފައެވެ.

ވޭމަންޑޫ އިންޖީން ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފެނަކަ އިން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.