ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން ރަށްވެހިފައިވާ ރަށް ނުވަތަ އެންމެ ފަހުން ވޯޓްލާފައިވާ މަރުކަޒު ފިޔަވައި އެހެން ތަނެއްގައި ވޯޓް ލާން ބޭނުންވާ ރައްޔިތުން ރީރަޖިސްޓްރީ ވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ މެދު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްއާއި ޕީއެންސީގެ ކެމްޕޭން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ރީރަޖިސްޓްރޭޝަން ކުރަން ބޭނުންވާ ބައެއް ފަރާތްތަކަށް އެ ކަން ކުރުމަށް މީގެ ކުރިން ވެސް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އެ ބަޔަކު ސަޕޯޓް ކުރާ ސިޔާސީ ޕާޓީތަކުން ކަމަށެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދާދި ފަހުން މާލެ މަގުތައް މަތީގައި ކުރިއަށްދާ މުޒާހަރާގެ ހަރަކާތްތަކާ ގުޅިގެން ކޯލިޝަންގެ އޮފީސް ބަންދުކުރުމާއި އޮފީސް ހުންނަ ސަރަހައްދަށް އާދެވެގެން އޮންނަ ހުރިހާ މަގެއް ފުލުހުން ބަންދު ކުރުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ރީރަޖިސްޓްރީ ކޮށްދިނުމުގެ ކަންކަން ޕީޕީއެމްއާއި ޕީއެންސީއަށް ނުކުރެވުނު ކަމަށް ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ ކުރީގައި ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް ރީރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ޖަހަން ޖެހޭ ކަން ޚަލީލް ފާހަގަކުރެއްވިއެވެ. އެކަމަކު މި އިންތިޚާބާ ދިމާކޮށް ރީރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ކޮންމެހެން ޖަހަން ނުޖެހޭ ގޮތަށް ބަދަލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އީސީއިން ރާވަމުންދާ ކަމަށް ޚަލީލް ތުހުމަތު ކުރެއްވިއެވެ.

"މި ހުރިހާ ކަމަކުން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވެގެން ދަނީ ކޮންމެވެސް ކަހަލަ ނިޔަތެއް އިލެކްޝަންސް ކޮމިޝަންގައި އެބަ އޮތް ކަން، އިންތިޚާބު އޮޅުވާލުމަށް ޓަކައި ސަރުކާރުން ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނިޔަތެއް އެބަ އޮތް ކަން، ސަރުކާރުގެ ނުފޫޒެއް އެބަ އުޅޭ ކަން،" ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރީލޯންޗު ކުރުމުގެ އިވެންޓް މިރޭ ނުވައެއް ޖަހާއިރު ބާއްވާއިރު މި އިވެންޓް ކުރިއަށް ދާން ރާވާފައި އޮތީ ވީޑިއޯ ކޮންފެރެންސިން މެދުވެރިކޮށެވެ. މި އިވެންޓްގައި ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެއެވެ.

ރާއްޖޭގައި އޮތް ހަތަރު ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ވާހަކަ ވެސް ދައްކާނެއެވެ. އެއީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއާއި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފްއާއި، ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތޯރިގް އަހްމަދާއި، ހދ. ކުޅުދުއްފުށި ސިޓީއަށް ވާދަކުރައްވާ އަބްދުﷲ އިގްބާލްއެވެ.