ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީގައި މަރާލި ކުއްޖާގެ މަރުގެ މައްސަލައިގައި ތިން މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މާމެންދޫގައި ހިންގި މަރާމާރީގައި އެ ރަށަށް އުފަން އަހުމަދު އުދައްޔު 17، ނިޔާވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ ތިން މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރިއެއް ހިންގާފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 10 ޖަހާކަންހާއިރެވެ. އުދައްޔުގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށްވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެކަމަކު، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ، ހައްގަކާ ނުލާ ފުރާނަ ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި، ބޮޑުވެގެންވާ ކުށެއް ކަމަށެވެ. އަދި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.