ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ޅ. ނައިފަރަށް އެންމެ މުހިންމީ ބައްޔަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުން ކަމަށް އެދާއިރާ ތަމްސީލު ކުރައްވާ މަޖިލީސް މެމްބަރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނައިފަރުގެ ކޮވިޑްގެ ހާލަތު ގޯސްވެ، ހާލަތުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދެއްވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ޝިޔާމް ވަނީ ފޭސްބުކްގައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ބަލިން ރައްކާތެރިވުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ޝިޔާމް ވިދާޅުވީ މިވަގުތު ނައިފަރަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށާއި ކޮވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ސިއްޚީ އިތުރު މަސައްކަތްތެރިންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް މިވަގުތު ނެތުމަކީ ވެސް މި ހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއް. ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާ ނުލިބި އެތައް ދުވަހެއް އިންތިޒާރު ކުރަން ޖެހުމަކީ ވަކިވަކި ފަރުދުން އަދި މުޖުތަމައު ނަފްސާނީ ހާސްކަމުން ބަލިކަށިކޮށްލާ ކަމެއް" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރަކީ ތޮއްޖެހިގެން އާއިލާތައް ދިރިއުޅޭ ރަށަކަށްވާ އިރު، އެޗްޕީއޭ އިން މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާ އާއްމު ގައިޑުލައިން އަކީ ނައިފަރު ކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑްލައިންތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ގެއަކުން ވޭދަނައެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެ ހިސާބުގެ ގިނަ ގެތަކުގެ މީހުން އައިސޮލޭޝަން އަށް ދާން ޖެހޭކަން ފާހަގަކުރެއްވިއެވެ.

މިގޮތަށް ތޮއްޖެހިގެން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލާ ތިބެން ޖެހުމުން ދިމާވާ މައްސަލަތައް ނުހަނު ގިނަކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މުއައްސަސާތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ފަރާތްތަށް އެކަހެރިކޮށް އައިސޮލޭޝަންއަށް ދާން ޖެހުމުން ޝިޔާމް ކަންބޮޑުވެވަޑައިގެންނެވިއެވެ.

"މުއައްސަސާތަކުގައި މަސައްކަތް ކުރައްވަން ތިއްބެވި ފަރާތްތަށް އެކީހެން އައިސޮލޭޝަން އަށް ދާން ޖެހޭ ހިސާބަށް ދިއުމަކީ މިހާރު ނަތީޖާތައް އަންނަ ގޮތުން ދުރުގައިވާ ކަމެއް ނޫން. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މުޅި ރަށް އެކީ ހުއްޓުމަކަށް އަތުވެދާނެ. މިވަގުތުވެސް އެންމެ މުޙިއްމު މުޢައްސަސާތަކުގެ ގިނަ ޢަދަދެއްގެ ފަރާތްތަކެއް ވަނީ އައިސޮލޭޝަންގައި." ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވުމުން ޝިޔާމްވެސް މިވަގުތު ހުންނެވީ ކަރަންޓީނުގައެވެ. އޭނާވަނީ މި ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ ރަށުގެ ރައްޔިތުންނަށް ޝިފާއެއް މިންވަރުކުރައްވުމަށް އެދި ދުއާ ދަންނަވާފައެވެ. އަދި ދަތި ދަނޑިވަޅުން އަރާގަތުމަށް ދަރުމަވެރިންގެ ފަރާތުން ފެންނަމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.

ނައިފަރުން އިތުރު 12 މީހަކު އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 43 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗަކޮއި ސޭބޯ

    އެއީ ޗަކޮއިމެން ތިކިޔަނީ ކޮވިޑް މިރާއްޖެގަ ނެތޭ ދެން ކީއްކުރާ ޓެސްޓެއްތޯ ސިޔާމް ކަލޭމެނައް މިހާރު ކިޔޭނުކިޔޭ އެއްވިސް ނޭގޭ ހިސާބައްދިޔައީތަ އެހެންތާވާނީ ލިބެމުން ދިޔަ މަންފާނުލިބި ދިރިއުޅުމައް އިތުރު މަސައްކަތް ކުރަންޖެހުނީމަ އޭރުގަ ފައިސާމަތީގަ ނިދަނީވެސް ވާނީ އެހެން ތާ

  2. މޮޔަސޮރު

    ދެން ކީއްކުރާ ޓެސްޓެއްތޯ ސިޔާމް ކަލޭމެން ބުނަނީ މިތާކުނެތޭ ކޮވިޑެއް ދެން ކީއްކުރާ ޓެސްޓް މެޝިނެއް މޮޔަނުގޮވާ
    މިހާުރުވެސް އަމިއްލަ އެދުމަށް ތި އިސްކަންދެނީ ތިރަށަށް މޮޅުހޯދަން އެހެން ރައްޔިތުންވެސް އެބަތިބި ތިކަންކަން ބޭނުންޖެހިފައި