ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައި ވަނީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެން ހަތަރަކާ ހަމައަށް ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް އެކަނި ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން ރާއްޖޭގައި ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ވެކްސިން ދޭން ފެށިތާ ދެ މަސްވެގެން ދިޔަ އިރު، މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ. ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސިނޮފާމް ވެކްސިން ވެސް މިހާރު ބައެއް މީހުންނަށް ވަނީ ދީފައެވެ. އަދި ބައެއް އެހެން ވެކްސިންތައް ވެސް ރާއްޖެ ގެނެސްފައިވެއެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން އަންނަ އިރު ވެކްސިން ކާޑު، އައިޑީ ކާޑް/ޕާސްޕޯޓް/ލައިސަންސް ކާޑް ގެނައުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގަންނަވައެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދޭނެއެވެ. އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދޭނެއެވެ.

ރާއްޖެ އިން މިޙާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 67 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު