ރޭޕް ކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ކުރި މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ މަގުތަކަށް އެއްވެ ކުރި މުޒާހަރާ އާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންވެސް ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން، ޖޫރިމަނާ ކުރުމަށްފަހު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެގެ މުޒާހަރާ ފެށީ މަޖީދީ މަގާއި ސޯސަން މަގު ކަންމަތިންނެވެ. މުޒާހަރާގައި ގިނަ އިން ބައިވެރިވެފައި ވަނީ ވެސް އަންހެނުންނެވެ. އަދި މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނެވެ.

ރޭޕް ކުރުމާއި އަންހެން ކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް ގިނަވެފައިވާތީ ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު މަަގުމައްޗަށް ނިކުމެފައި ވެއެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން މަގުތަކުގައި ހިނގާލާފައިވެއެވެ.

ނަމަވެސް މުޒާހަރާ މާލޭގައި ބޭއްވުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުން ހައްޔަރުކޮށްފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    ޖިންސީ ފުރައްސާރަ ، ރޭޕް ، ވައްކަން ، ފޭރުން ، މެރުން ، މާރާމާރީ ، ބަނގުރަލާ ޑުރަގު މިކަންތައްތަށް އިތުރުވަމުންދާއިރު ފުލުހުންނަށް މީގެ އެއްވެސްކަމެއް ނުބެލި އޮށްބާލަން މަސައްކަތްކޮށް ސަރުކާރުގެ އިސްވެރިން ރުއްސަން އެކަމާ ދެކޮޅަށް އަޑުއުފުލާމީހުން ހައްޔަރުކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ފުލުހުންނަށް ކުރެވޭ ހަމައެކަނިކަމަކީ. ވަޒީފާގެ ދަހިވެތިކަމުގަ ރައްޔިތުންގެ ރުފިޔާއިން މުސާރަނަގަން ލަދެއްނެއް. ދެންބުނާނެ ތިމަންނަމެންގެ އަނބިދަރިންގެ ހައްގުގައޭ. ބަލަ ޖިންސީ ފުރައްސާރަ އަދި ރޭޕް ގެ ޝިކާރަޔަށް ވާ ކުދިންގެ ހައްގުކޮބާ؟