އެއްވުންތައް ކަވަރު ކުރަން ހަރަކާތްތެރިވާ ނޫސްވެރިން ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ދޫކޮށްފައިވާ ކާޑް ގެންގުޅުމަށް ފުލުހުން މިއަދު ނަސޭހަތްތެރިވެއްޖެއެވެ.

ފުލުހުން ބުނީ އެއްވުންތަކާ ގުޅިގެން ހަރަކާތްތެރިވާ ނޫސްވެރިން "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު"ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ކާޑު ބޭނުން ކުރުމަށް އަންގާ ކަމަށެވެ.

އަދި މި ކާޑު އަބަދުވެސް ފެންނަން ހުންނާނެ ގޮތަށް އަޅުވައިގެން ހަރަކާތްތެރިވުމަށާއި ކާޑުގެ މުއްދަތު ހަމަނުވާކަން ޔަގީން ކުރުމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިގޮތަށް އެންގީ މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދާއިރުގައި ސަޕޯޓަރުން އެއްވެގެން އަޑު އުފުލަމުންދާތީއެވެ. އެ އެއްވުން ކަވާ ކުރުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް ފަށާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނަ ގޮތައް ލިޔެފައިވާ ހުކުމް ރޭ ވަނީ މީސް މީޑިއާގައި ލީކް ވެފައެވެ.

އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއިއެކު އެމަނިކުފާނުގެ މައްޗަށް ޖުމްލަ އަށް އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މީޑިއާގައި ރޭ ރިޕޯޓް ކޮށްފައި ވެއެވެ. އެގޮތައް ރިޕޯޓް ކޮށްފައި ވަނީ ލިޔެފައި އޮތް ހުކުމުގެ މައުލޫމާތު އެނގޭ އޮފިޝަލަކާ ހަވާލާދީއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފިނަމަ، އެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ހައި ކޯޓުންނާއި ސުޕްރީމް ކޯޓު މެދުވެރިކޮށް ހުކުމް އިސްތިއުނާފް ކުރެވޭނެއެވެ. އެ ހާލަތުގައި ނިހާއީ ހުކުމެއް އިއްވާނީ ސުޕްރީމް ކޯޓުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކަލޭމެން ކިތައްމެވަރަކަށް ރޔާމީނުގެ ބޮލުގާ ނުހައްގު ބަދުނާމުތައް އަޅުވައި ކިތައްމެ ދިގުމުއްދަތަކަށް އެމަނިކުފާނު ޖަލަށްލިޔަސް ޔާމީންގެ އެއްވެސް ސަޕޯޓަރެއްގެ ވޯޓެއް ކަލޭމެންނަކަށް ނުލިބޭނެ، ޔާމީނު ޖަލަށްލިޔަސް ޕީޕީއެމް މަރުވީއެއްނޫން އިތުރަށްވަރުގަދަވާނީ، ޕީޕީއެމް ޕާޓީން ރިޔާސީއިންތިޚާބަށް ބުޅަލެއް ކުރިމަތި ލިޔަސް އެބުޅަލަކަށް އަހަރުމެން ތާއީދުކުރާނީ ވޯޓްދޭނީވެސް،🥺

    6
    1