ވ. ތިނަދޫ މޮނިޓަރިން ހާލަތަށް މިއަދު ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވީ ތިނަދު އަށް އަރައި ފޭބުން މަނާ ކުރީ އެ ރަށުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، ނަތީޖާ ފައްސިވެގެން ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވީ އެ ރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ޕާކިސްތާންގެ ފަތުރުވެރިއެކެވެ. އެ ފަތުރުވެރިޔާއާ ބައެއް މީހުންނާ ދިމާވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރަށްރަށުގައި ކޮވިޑްގެ ވޭދަނަތައް ފެންނަ މިންވަރު އިތުރެވެ. ކޮވިޑްގެ ވޭދަނަތަކާ ގުޅިގެން މިވަގުތު 18 ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ.

އަދި ރާއްޖޭގެ ރަށްރަށުގައި ކޮވިޑް ޖެހިފައި ތިބި 800 އަށް ވުރެ ގިނަ މީހުން މިވަގުތު ވެސް އެބަތިބިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ.