ކުރިއަށް އޮތް ރަމަޟާން މަހު މަޖިލިހުގެ ޖަލްސާތައް ކުރިއަށްދާނެ ގޮތް ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ރޯދަ މަހު ޖަލްސާތައް ކުރިޔަށްދާނީ ހެނދުނު 10:30 އިން 12:00ށް ކަމަށެވެ. އަދި އެ ގަޑިއިރުގެ ހުސް ވަގުތުކޮޅަކަށް ފަހު މެންދުރު ފަހު 1:00 އިން 2:00 އަށް ޖަލްސާތައް ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް ރޯދަ މަސްތަކުގައި ވެސް ޖަލްސާތައް ކުރިއަށް ދާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ޖަލްސާތައް ކުރިޔަށްދާ ވަގުތު ކުޑަ ނަމަވެސް މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހު ނިމި މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެއެވެ.