ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އައްޑޫ ސިޓީން މެންދުރު ކުރިން ވޯޓުލީ އެންމެ ހާހަކަށް ވުރެ ގިނަ މީހުން ކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އައްޑޫގައި 12 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އަދި މިއަދު މެންދުރު ފަހު 13:12 އާ ހަމައަށް އައްޑޫގައި ވޯޓުލާފައި ވަނީ 1،166 މީހުންނެވެ. އައްޑޫން އެންމެ ގިނަ ބަޔަކު ވޯޓު އަޅާފައި ވަނީ މާދެލެ ވޯޓު ފޮއްޓަށެވެ. އެ ވޯޓު ފޮއްޓަށް 166 މީހުން ވޯޓުލާފައިވެއެވެ. ދެ ވަނަ އަށް ވޯޓު ދީފައި ވަނީ މަރަދޫގައި ހުރި ވޯޓު ފޮއްޓަކަށެވެ. އެއީ 159 މީހުންނެވެ.

މަގުދޫ ވޯޓު ފޮއްޓަށް ވޯޓުލާފައި ވަނީ 135 މީހުންނެވެ.

އައްޑޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ތެރެއިން ބައެއް ވޯޓު ފޮށިތަކަށް ވޯޓު އަޅާފައި ހުރި އަދަދު 100 އަށް ވެސް ނާރައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ އެކިކަންކޮޅުތަކުން އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.